އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އަވަހާރަކޮށްލެވިފައިވާ ކަމަށް އިސްރާއީލުން ބުނަމުންދިޔަ ނަމަވެސް، އީރާނުގެ ރަސްމީ އެއްވެސް އިދާރާއަކުން އެކަން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ރޮއިޓާސް ނިއުސް އެޖެންސީ އަދި އިސްރާއީލުގެ މީޑިއާތަކުން ވެސް ވަނީ އިސްރާއީލުގެ އިސް އޮފިޝަލުންނާ ހަވާލާދީ ޚާމަނައީ އަވަހާރަވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް، އަލްޖަޒީރާގެ ރިޕޯޓަރު ތައުހީދު އަސަދީއާ ހަވާލާދީ އެނޫހުން ބުނާ ގޮތުގައި، އީރާނުގެ ސަރުކާރުން (ތެހެރާން) މިހާތަނަށް މިކަމާ ގުޅޭ އެއްވެސް ރަސްމީ ކަށަވަރުކޮށްދިނުމެއް ދީފައެއް ނުވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ ތެހެރާންގައި ހުންނަ ޚާމަނައީގެ ސިއްރު ބިންގަރާހަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އޭނާ އަވަހާރަވެފައިވާ ކަމަށެވެ. ނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ހަމަލާތައް ދޭން ފެށުމުގެ ކުރިން ޚާމަނައީ ވަނީ ނުހަނު ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރެވިފައެވެ.

އީރާނުގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، ޚާމަނައީ އަދިވެސް ހުންނެވީ ދުނިޔޭގައެވެ. އެހެންނަމަވެސް އޭނާގެ ހާލުކޮޅާ ގުޅޭ އެއްވެސް ވީޑިއޯއެއް ނުވަތަ ފޮޓޯއެއް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ. މި ހަމަލާއާ ގުޅިގެން އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތަކެއް ދޭން ފަށާފައެވެ.

މި ހަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރުގެ އިތުރުން، އީރާނުގެ ރިވެލޫޝަނަރީ ގާޑްސްގެ ބައެއް އިސް ކޮމާންޑަރުންނަށް ވެސް ހަމަލާ އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި މިހާތަނަށް އީރާނުން 201 މީހުން ވަނީ މަރުވެފައެވެ.