މެދުއިރުމަތީގައި މިއަދު ފެށުނު ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމެޓީއެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އުފައްދަވާފައިވާ ކަމަށެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

1. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

2. ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން

3. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

4. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

5. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

6. ހޯމް މިނިސްޓަރު އަލީ އިހުސާން

7. ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހީމް

8. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު

9. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މި ކޮމެޓީ ޗެއާ ކުރައްވަނީ ފޮރިން މިނިސްޓަރު ހަލީލް ކަމަށް ހީނާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ އެ ވުޒާރާތަކުން ކަމާގުޅޭ އެންމެހާ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރަމުންދާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން މިރޭ ވަނީ މެދުއިރުމަތީގައި މިއަދު ފަށާފައި މިވާ ހަނގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުގައި އީރާނަށް ދެމުންދާ މި ހަމަލާތަކަކީ، އީރާނުގެ ނިއުކްލިއާ ވަސީލަތްތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްގެން ދޭ ހަމަލާތަކެއް ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.