ޓައިމް މަޖައްލާއިން ހޮވި، 2026 ވަނަ އަހަރު ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްސިއްޔަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނަށް އެ ޝަރަފު ލިބިވަޑައިގެންފައިވަނީ، އާއްމު ސިއްހަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ގާއިމުކުރެއްވުމަށް، އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން، އެ މަޖައްލާ އިން ވަނީ، ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާ މި ސަރުކާރުގެ ސިއްހަތާބެހޭ ސިޔާސަތުތަކާއި، ރައީސްގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރައީސް މުއިއްޒު ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް އެވޯޑު ދެއްވަނީ ——

މީގެ ތެރޭގައި، ޖެނުއަރީ 2007 ގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ގަތުން މަނާކޮށް ތަންފީޒުކުރައްވާފައިވާ ޖެނެރޭޝަނަލް ބޭން އާއި، ވޭޕް އާއި އީ ސިގިރޭޓު އެތެރެކޮށް، ވިއްކައި، ބޭނުންކުރުން މަނާކުރުން ހިމެނެއެވެ.

އެ މަޖައްލާއަށް ދެއްވި ބަސްދީގަތުމުގައި ރައީސް މުއިއްޒު ވަނީ، މީގެ ކުރިން ރާއްޖޭގެ ސިއްޙީ ސިޔާސަތުތައް ބިނާކޮށްފައި ހުރީ، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ބަލިޖެހުމުން ފަރުވާ ދިނުމުގެ މައްޗަށްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ސަރުކާރުން މަސައްކަތްކުރަނީ، ބަލިތަކުން ރައްކާތެރިވުމަށާއި ފަރުވާ ދިނުމަށް ހަމަހަމަ ސަމާލުކަމެއް ދެއްވުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އޮފީހުން މީގެކުރިން ގެނެސްދިން ޕޮޑްކާސްޓެއްގައި ރައީސް މުއިއްޒު ---

ސިއްހީ ދާއިރާއިން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ރައީސްގެ އިރުޝާދުގެ މަތީން ރާއްޖޭގެ ކޮންމެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، 2026 ވަނަ އަހަރުން ފެށިގެން 24 ގަޑިއިރު ހިދުމަތްދޭ ނަފްސާނީ ސިއްހަތުގެ ހެލްޕްލައިނެއްވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި، މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް، އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ބަލި އެރުން ނައްތާލި ފުރަތަމަ ގައުމުގެ ޝަރަފުވެސް ރާއްޖެއިން ވަނީ މިދިޔަ އަހަރު ހޯދާފައެވެ.

މި ހުރިހާ ފިޔަވަޅުތަކެއް އެކުއެކީގައި ކުރެއްވުމުގެ މަގުސަދަކީ، ރާއްޖޭހެ ސިއްހީ ދާއިރާއަށާއި، ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް، މާނަހުރި، މިންކުރެވޭފަދަ، އަދި ވިލުންތެރި ކުރިއެރުންތަކެއް ހޯދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަބަރާއި މައުލޫމާތުގެ ދާއިރާއިން ނަން މަޝްހޫރު ޓައިމް މަޖައްލާގެ 2026 ވަނަ އަހަރު ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ހިމެނިވަޑައިގެންފައިވަނީ، ސިއްހީ ދާއިރާގައި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ދިރާސާވެރިންނާއި، އީޖާދީ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކުގެ މަސައްކަތްތަކުގެ ސަބަބުން ސިއްހީ ދާއިރާގައި މިންކުރެވޭ ފަދަ ނަތީޖާތައް ދައްކަވާފައިވާ އަދި މާނަވީ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ފަރާތްތަކެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓު ބައްދަލުވުމަކަށް ވަޑައިގަންނަވަނީ: ފޮޓޯ | ރައީސް އޮފީސް

އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެ ލިސްޓުގައި ރައީސް ހިމެނިވަޑައިގަތުމުން ރަމްޒުކޮށްދެނީ، ސިއްހީ ދާއިރާއިން ރާއްޖެ ހޯދަމުންދާ ކާމިޔާބީތައް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަމުންދާ މިންވަރާއި، ރައްޔިތުންނަށް އޭގެ ސީދާ ފައިދާ ކުރާ ފަދަ ގޮތަކަށް ސިއްހީ މަސްލަހަތުތައް ތަރުތީބުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހުމިއްޔަތުކަން ކަމަށެވެ.

ދުންފަތާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، 2025 ވަނަ އަހަރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޑޮކްޓަރ ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން، އެ އަހަރުގެ ވޯލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ އެވޯޑެއްވެސް ވަނީ ދެއްވާފައެވެ.