އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ވިޔަފާރީގެ މުހިންމު އެއްބަސްވުމެއް ގާއިމުކޮށްފިކަން އިއުލާނުކުރައްވައިފިއެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް (ޓެރިފް) 25 އިންސައްތައިން 18 އިންސައްތައަށް ކުޑަކުރަން އެމެރިކާއިން ވަނީ ނިންމާފައެވެ.
ޓްރަމްޕްގެ "ޓްރުތް ސޯޝަލް" ޕޯސްޓުގައި ޓްރަމްޕް ވިދާޅުވީ، އިންޑިއާއިން އެމެރިކާގެ މުދަލަށް ކުރިމަތިކޮށްފައިވާ ވިޔަފާރީގެ ހުރަސްތައް "ޒީރޯ" އަށް ކުޑަކުރުމަށާއި، ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމަށް މޯދީ އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން، ރަޝިއާގެ ތެޔޮ ގަތުމާ ގުޅިގެން އިންޑިއާގެ މައްޗަށް މީގެ ކުރިން އަޅާފައިވާ 25 އިންސައްތައިގެ އިތުރު ޖޫރިމަނާ ޓެކްސް ވެސް މިހާރު ވަނީ އުވާލާފައެވެ.
އެއްބަސްވުމުގެ މައިގަނޑު ބައިތައް:
ރަޝިއާގެ ބަދަލުގައި އެމެރިކާ އަދި ވެނެޒުއޭލާއިން ގިނަ އަދަދަކަށް ތެޔޮ ގަތުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަކަތަ އާއި ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމާއި ބޯކަހަލަ ތަކެތި ހިމެނޭހެން 500 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެމެރިކާގެ މުދާ ގަތުމަށް މޯދީ ވަނީ ވައުދުވެވަޑައިގެންފައިވާ ކަމަށްވެއެވެ.
މިދިޔަ އޮގަސްޓް މަހު އެމެރިކާއިން އިންޑިއާގެ މުދަލުން ނަގަން ފެށި 50 އިންސައްތައިގެ ބޮޑު ޓެކްސް، މި އެއްބަސްވުމާއެކު 18 އިންސައްތައަށް ދަށްވާނެއެވެ.
މިކަމާއި ގުޅިގެން މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއްބަސްވުމަށް އާދެވުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި، ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދާއި ދެ ޑިމޮކްރަސީ ގުޅިގެން މަސައްކަތް ކުރުމުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
މި އެއްބަސްވުން މިއައީ، އިންޑިއާ އާއި ވިލާތުގެ އިއްތިހާދު (އީޔޫ) އާ ދެމެދު މިނިވަން ވިޔަފާރީގެ ތާރީހީ އެއްބަސްވުމެއްގައި ސޮއިކުރިތާ ހަފްތާއެއް ވެސް ނުވަނީހެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، އެމެރިކާއާ އެކު މިވީ އެއްބަސްވުމަކީ އީޔޫ އިން އިންޑިއާގެ މާާކެޓުގައި ހޯދި ކުރިއެރުމަށް އެމެރިކާއިން ދިން ރައްދެކެވެ.
ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއަކު އިއްޔެ ނިޔާވެއްޖެ
ފެބްރުއަރީ 1ވަނަ ދުވަހު އެކަނިވެސް 10،000އަށްވުރެ ގިނަ ފަތުރުވެރިން
އިންޑިއާގެ މުދަލުން ނަގާ ޓެރިފް 18 ޕަސެންޓަށް ކުޑަކުރަނީ
ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކަން ފަށައިފި
3 އިންތިހާބާއެކު މުޅި ދައުލަތް އޮންނަނީ "އިންތިހާބީ ހުމެއްގައި"