ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ކުރަމުން ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރުމާއި ގުޅިގެން، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ޝަމްހީދު ވިދާޅުވީ، ރައްޔިތުންނަށް ބިރުދައްކައިގެން ސަރުކާރެއް ނުހިންގޭނެ ކަމަށާއި، މުޒާހަރާއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ހައްޔަރުކޮށްގެން އޭނާގެ ހިތްވަރު ބަލިކޮށްނުލެވޭނެ ކަމަށެވެ.
ޝަމްހީދު މިކަން ހާމަކުރެއްވީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވީ ވައުދު ނުފުއްދައިދީގެން ދިވެހި މަސްވެރިން އިހުތިޖާޖަށް ނުކުތުމުން، އެ އޮޑިދޯނިފަހަރު މަހަށް ފުރުން ހުއްޓުވުމުގެ މަގުސަދުގައި އޮޑިތަކުގައި ތިބި ބޭރުމީހުން ހިފައި ހައްޔަރުކޮށް، މަދަނީ ބަސްނޭހުން އިންތިޒާމްކުރި ފަރާތްތަކަށް އަނިޔާކޮށް ހައްޔަރުކުރަމުން ދިއުމުން ސަރުކާރުގެ އަސްލު ސިފަ އެނގިގެންދާ ކަމަށެވެ.
"ރައްޔަތުންނަށް ބިރުދައްކައިގެން ސަރުކާރެއް ނުހިންގޭނެ. މަޓޭ ނުހުއްޓުވޭނެ،" ޝަމްހީދު ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މަޓޭ އަދި އެހެން މަސްވެރިން ބަންދުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. ފައިސަލް ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރައްވާ މަޓޭ ހައްޔަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ފާހަގަކުރެއްވީ، މަސްވެރިން ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރަމުން އެ ގެންދަނީ ސަރުކާރުން ވީ ވައުދު ފުއްދައި ދިނުމަށް ގޮވާލަމުން ކަމަށާއި، މައްސަލަތައް ހައްލުކުރެވޭނީ މަޝްވަރާކޮށްގެން ކަމަށެވެ. "ގަދަބާރުން މީހުން ހައްޔަރުކޮށްގެން މައްސަލަތަކަށް ހައްލެއް ނުހޯދޭނެ،" ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ މަޓޭ ހައްޔަރުކުރުން ހަރުކަށި އިބާރާތުން ކުއްވެރިކޮށް، އޭނާ ދޫކޮށްލުމަށް ގޮވާލައްވާފައެވެ. މޭޔަރު އާޒިމް ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުގައި ދެގޮތެއްނުވެ މަސައްކަތް ކުރައްވަމުން ގެންދަވާ މަޓޭ ހައްޔަރުކުރުން ކުއްވެރިކުރާ ކަމަށާއި، މަސްވެރިން އެކުރަނީ ހައްގު ހޯދުމުގެ އިހުތިޖާޖެއް ކަމަށެވެ. އަދި އެއްވެސް މަސްވެރިއަކަށް އަނިޔާކޮށްގެން ނުވާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައިނުދިނުމުގެ ސަބަބުން، މަސްވެރިންގެ ފަރާތުން ދަނީ ދެކޮޅު ހެދުމުގެ ޢަމަލުތައް އިތުރުވަމުންނެވެ. މި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރުމާއި ގުޅިގެން ސިޔާސީ ގިނަ ފަރާތްތަކުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، ހައްޔަރުކުރެވުނު ފަރާތްތައް ދޫކޮށްލުމަށް ގޮވާލަމުންނެވެ.
އަންހެން ގޮނޑިތައް ކަނޑައެޅީ ސިއްރުން ޕީއެންސީން ބޭނުންވި ގޮތަށް
މަޓޭ ނުހިފެހެއްޓޭނެ، ބިރުދައްކައިގެން ސަރުކާރެއް ނުހިންގާނެ: ޝަމްހީދު
އަންހެން ގޮނޑިތައް ކަނޑައެޅީ ނުފޫޒުން، މުރާޖާ ކުރަންޖެހޭ: ލަމްއާން
ތިން މީހަކު ހައްޔަރުކޮށް، ދެ ދޯނި ހިފަހައްޓައިފިން: ފުލުހުން
މަސްވެރިންގެ އިހްތިޖާޖުގެ ތެރެއިން މެމްބަރު މައުރޫފް ހައްޔަރުކޮށްފި
ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހެދުމަށް ބިލެއް ހުށަހަޅަނީ