މާލޭގެ ބާޒާރު މައްޗަށް ހާއްސަ ހޯލް ސޭލް ފިހާރައެއް އެސްޓީއޯ އިން މިއަދު ހުޅުވައިފިއެވެ.

މި ފިހާރަ ހުންނާނީ ކުރީގެ އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓް (މާލޭ ނޯތު ހާބަރު ގޭޓް ސަރަހައްދު) ގައެވެ.

އެސްޓީއޯ އިން މިއަދު ބުނީ އެ ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުމާއި މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މިތަކެތި ފަސޭހަ ކަމާއި އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

ބާޒާރުމަތީގައި ހުޅުވި އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ ފިހާރަ: ފޮޓޯ | އެސްޓީއޯ

އެ ފިހާރަ ހުޅުވިގެން ދިއުމާއި އެކު، ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގުވެސް ފަހިވެގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެގޮތުން އެ ފިހާރަ މެދުވެރިކޮށް އެސްޓީއޯ އިން ދަނޑުވެރީން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ހަމަ ޖެހިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މީގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތްކުން އުފައްދާ ބާވަތްތަށް ވިއްކޭނޭކަމުގެ ޔަގީންކަންލިބި، މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އައު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ބާޒާރުމަތީގައި ހުޅުވި އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ ފިހާރަ: ފޮޓޯ | އެސްޓީއޯ

އެސްޓިއޯގެ އަމާޒަކީ ކުރިއަށް އޮތްތާނގައިވެސް، އެކުންފުނީހެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުން ކަމަށާއި އެގޮތުން، ގްރޭޓާ މާލޭ އޭރިއާގައި މިހާރު އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި އެސްޓިއޯގެ އައުޓްލެޓެއް، އަވަސް މުސްތަގުބަލެއްގައި ހުޅުވުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް އެކުންފުނިން ބުންޏެވެ.

މިއާއިއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއި އެކު އެސްޓިއޯއިން ވިއްކާ މުދާތައް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.

ބާޒާރުމަތީގައި ހުޅުވި އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ ފިހާރަ: ފޮޓޯ | އެސްޓީއޯ

ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް، 15 އޮކްޓޯބަރ 2025 ން ފަށައިގެން ބާޒާރަށް ނެރެ ވިއްކަން ވަނީ ފަށައިފައެވެ.

އަދި އެ ހުރިހާ ބާވަތެއް އެސްޓީއޯއިން މާލޭ ސަރައްދުގައި ގާއިމް ކުރެވިފައިވާ ދެ ފިހާރަ ކަމުގައިވާ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް އައީ މެދުނުކެނޑި ފޯރުކޮށްދެމުންނެވެ.