އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް، އެ މަގާމުން އިސްތިއުފާ ދެއްވަވައިފިއެވެ.

ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ 2022 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ހަވާލުވީ ވަރަށް ފޮނި އުއްމީދުތަކާއެކު ކަމަށެވެ.

ޗެއާޕާސަންގެ މަގާމާއި ހަވާލުވީ އެ ޕާޓީ ވަރުގަދަކޮށް، ޕާޓީގެ ހިންގުން އިހުނަށްވުރެ އެތައް ގުނައަކުން ހަރުދަނާކުރުމުގެ ތަސަވުރަކާއެކު ކަމަށާއި އޭނާއަށް ވޯޓު ދެއްވައި އިންތިހާބުކުރެއްވި މެންބަރުން ވެސް ތިބީ ހަމަ އެ އަޒުމުގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑު ޗެއާޕާސަންގެ މަގާމާ ހަވާލުވިއިރު ޕާޓީ އޮތީ ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގަ އެވެ. އަޅުގަނޑު މި މަގާމަށް ވާދަކުރީ އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ޕާޓީ އެކަތިގަނޑަކަށް ހެދުމުގެ އަޒުމާއެކު އެވެ. ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށާއި، އަދި އަސާސީ ގަވާއިދަށް ގެންނަން ބޭނުންވީ ބައެއް މުހިންމު ބަދަލުތައް ގެނައުމަށް 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގައި އަޅުގަނޑު ކޮންގްރެސްއެއް ބޭއްވީމެވެ. އެ ކޮންގްރެސްގައި, ރައިސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާއި ދެމެދު ހުރި ހިޔާލު ތަފާތުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ އެވެ. މާތް ﷲ ގެ އިރާދަފުޅާއެކު އެ ކޮންގްރެސް ނިންމާލެވުނީ ވަރަށް ކާމިޔާބުކަމާއެކު ދެ ފަރާތުން ވެސް ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމުގެ ނިޔަތާއި އެއްބަސްވުމާއެކުއެވެ،" ފައްޔާޒުގެ ސިޓީގައިވެއެވެ.

އޭނާ ވިދާޅުވީ ދެ ލީޑަރުންގެ މެދުގައި ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް ރައީސް ނަޝީދުގެ އެދުމުގެ މަތީން އެތައް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި އަދި ރައީސް ސޯލިހުގެ އެދިލެއްވުމުގެ މަތީން ވެސް އެތައް ބައްދަލުވުންތަކެއް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

"އޭގެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތީން ރައީސް ސޯލިހުގެ ހުށަހެޅުންތަކަކާއެކު ރައީސް މުޙައްމަދު ނަޝީދުގެ ޓީމާއެކު އަނެއްކާވެސް ބައްދަލުކޮށް، އެއްބަސްވުމަކަށް އާދެވުނެވެ. މި އެއްބަސްވުމުގެ މައިގަނޑު ނުކުތާތަކެއްގެ ގޮތުގައި އޮތީ ޕްރައިމަރީއެއް ނުބާއްވައި އެމްޑީޕީގެ ޓިކެޓުގައި 2023 ގެ ރިޔާސީ އިންތިހާބުގައި ރައިސް އިބްރާހީމް މުޙަންމަދު ސޯލިޙު ވާދަކުރެއްވުމަށާއި ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގައި އޮންނަ ވެރިކަމުގެ ނިޒާމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. ނަމަވެސް، އެއްބަސްވެވުނީ އެ ވޯޓުގައި އެމްޑީޕީއިން ވަކި ކޮޅެއް ނުނެގުމަށެވެ. އެ ހިސާބުން އަޅުގަނޑުގެ އުއްމީދު ވަރަށް ބޮޑަށް އާވެގެން ދިޔައެވެ. ޕާޓީގެ އެއްބައިވަންތަކަމާއި ބާރުވެރިކަން އަޅުން އާރާސްތުކޮށް އިންތިހާބު ކާމިޔާބުކުރެވޭނެ މަގެއް ހޯދުނީތީއެވެ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި، އޭގެ ދުވަސްކޮޅެއް ފަހުން ޕާޓީގެ ބައެއް އިސްފަރާތްތަކަށް ގަބޫލުކުރެވުނީ ރައީސް ނަޝީދު އާއެކު އެއްބަސްވެވުނު ގޮތަށް ކުރިއަށްނުދިޔުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމުނުއިރު، އެތައް އަހަރެއްވަންދެން އެކުގައި އިސްލާހީ މަސައްކަތުގައި ދުވަސްތައް ހޭދަކުރި ރަހުމަތްތެރިންނާ މޫނު ކެނޑި، އާއިލާއެއްގެ ގޮތުގައި އޮތް އެ ޕާޓީ ދެފަޅިވެ ރިޔާސީ އިންތިހާބު ވެސް ގެއްލިގެން ދިޔަ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް އޭނާ މަސައްކަތް ކުރީ އެމްޑީޕީއާ ވަކިވެގެން ޕާޓީ އުފެއްދި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށާއި އެކަމަކު އެކަން ވެސް ކާމިޔާބު ނުވީ ޕާޓީގެ އިސް ބައެއް ބޭފުޅުންނަށް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރެވުމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މި ރާއްޖެ ތަހައްމަލުކުރަމުން މިދާ ކަންކަމުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެހާ ބޮޑުތަނުން ނާކާމިޔާބުވުމެވެ. ޝަރުއީ ކޯޓުތަކާއި، މިނިވަން މުއައްސަސާތައް ސަރުކާރު ބޭނުންހާ ގޮތަކަށް އަނބުރާލާއިރު، ގާނޫނި ގޮތުން އެ ކަންކަން ހުއްޓުވުމަށް ކުރެވެން ހުރި މަދު ކަންކަމެކެވެ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ގަބޫލުކުރާ ގޮތުގައި އެމްޑީޕީއަށް އެ ދެ އިންތިހާބު ކާމިޔާބުނުވުމުގެ މައިގަނޑު ސަބަބަކަށް ވެގެންދިޔައި ޕާޓީ ފަޅިފަޅިވެގެންދިޔުމެވެ.

ތަފްސީލް އަންނަނީ....