ކަޝްމީރުގައި ދާދިފަހުން ފުލުހުން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ އާއި ދިއްލީގެ ރެޑްފޯޓު ސަރަހައްދުގައި ގޮވި ބާރުގަދަ ގޮވުމާއި ގުޅުމެއް ވޭތޯ ބަލަން ފަށައިފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދިއްލީގެ ގޮވުމާއި ފަރީދާބާދުން ދާދިފަހުން ފެނުނު 2,900 ކިލޯގްރާމްގެ ގޮވާ ތަކެތި ހޯދި މައްސަލައާ މިކަމާ ގުޅުމެއް ވޭތޯ ވެސް ބަލަމުންދާ ކަމަށްވެއެވެ.

ބުދަ ދުވަހު، ކެބިނެޓުން ވަނީ މި ހާދިސާއަކީ "ގައުމާ ދެކޮޅު ބާރުތަކުން ހިންގި ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއް" ކަމަށް ބުނެ ގަރާރެއް ނެރެފައެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިކަމުގެ ފަހަތުގައިވާ ހުރިހާ އެންމެން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެފައެވެ. މިފަދަ ވާހަކަތައް ދިފާއީ ވަޒީރު ރާޖްނާތު ސިންގް އާއި ހޯމް މިނިސްޓަރު އަމިތު ޝާހް ވެސް ވަނީ ދައްކަވާފައެވެ.

އެތެރޭގެ ސަލާމަތީ ކަންކަމާ ހަވާލުވެ ހުންނެވި މިނިސްޓަރު ޝާހް ވަނީ، "މި ހާދިސާގެ ފަހަތުގައިވާ ކޮންމެ ކުށްވެރިއަކު ހޯދައި ހައްޔަރުކުރުމަށް" އޮފިޝަލުންނަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގެ ތަހުގީގު ވަނީ އިންޑިއާގެ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ގާނޫނު ތަންފީޒުކުރާ އިދާރާ، ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އާ ހަވާލުކޮށްފައެވެ.

ފުލުހުން ނުވަތަ އެންއައިއޭ އިން އަދި މި ތަހުގީގާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

ނަމަވެސް، މި ދަނޑިވަޅުގައި، އިންޑިއާގެ މީޑިއާތަކަށް ލީކުވާ އަދި މަސްދަރުތަކުން ލިބޭ ރިޕޯޓުތަކުގެ ސަބަބުން އެއްވެސް ހަގީގަތެއް ނެތް އެތައް މައުލޫމާތެއް ވަނީ ސުރުހީތަކެއް ވަނީ ހަދާފައެވެ.

މީގެތެރެއިން އެންމެ ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ މި ހާދިސާއާ ކަޝްމީރުން ހައްޔަރުކުރި މީހުންނާއި އެއްވެސް ގުޅުމެއް ވޭތޯ އުފެދޭ ސުވާލެވެ. އަދި މި ހާދިސާ އަކީ ފަރީދާބާދުން ހަތިޔާރާއި ގޮވާ ތަކެތި ހޯދި މައްސަލައާ ގުޅުން ހުރި ކަމެއްތޯއެވެ.

މިދިޔަ ހޯމަ ދުވަހުގެ ހަވީރުގެ ގޮވުމުގެ ކުރިން ކުޑަ ގަޑިއެއްގެ ތެރޭގައި، އިންޑިއާގެ ފެޑެރަލް ސަރަހައްދު ޖައްމޫ އެންޑް ކަޝްމީރުގެ ފުލުހުން ވަނީ ހައްޔަރުކުރި މީހުންގެ ނަންތައް ހާމަކޮށް ބަޔާނެއް ނެރެފައެވެ.

އޭގެ ތެރޭގައި ކަޝްމީރާއި އުއްތަރު ޕްރަދޭޝް އަދި ހަރިޔާނާ ސްޓޭޓްގެ ދެ ޑޮކްޓަރުން ހިމެނެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ފަރީދާބާދުން ދެ އޮޓޮމެޓިކް ރައިފަލް ހިމެނޭ ގޮތަށް ބައެއް ހަތިޔާރާއި 2,900 ކިލޯގްރާމްގެ ބޮން ހެދުމަށް ބޭނުންކުރާ ތަކެތި ހޯދާފައިވާ ކަމަށެވެ.

ތަހުގީގުގެ ތެރެއިން ނަންތައް ފެނިފައިވާ އިތުރު ބަޔަކު "ހޯދައި ހައްޔަރުކުރުމަށް" މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެންއައިއޭ އިން ބީބީސީއަށް ބުނެފައި ވަނީ، ދިއްލީ ގޮވުމުގެ މައްސަލަ އެމީހުންނާ ހަވާލުވީ ކަމަށާއި، "ގިނަ އަދަދެއްގެ ލިޔެކިޔުންތައް" ބަލަމުންދާ ކަމަށެވެ.

ނަމަވެސް، އެމީހުން ބުނެފައި ވަނީ، ހައްޔަރުކުރި މީހުންނާއި އިންޑިއާގެ މީޑިއާތަކުން ކާރު ދުއްވައިގެން އުޅުނު ކަމަށް ބުނާ މީހެއްގެ ވައިރަލް ފޮޓޯއެއްގައިވާ މީހާއާ ގުޅުމެއް ވޭތޯ ވެސް ހިމެނޭ ގޮތަށް ކޮންމެ ކަމެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީޑިއާ ރިޕޯޓުތަކުގައި ބުނެފައި ވަނީ، އެ މީހާ ގޮވުން ހިނގި ތަނަށް އައުމުގެ ކުރިން ގަޑިއެއްހާއިރު ވަންދެން ސިޓީގައި ދުއްވައި، ކައިރީގައި ހުރި ޕާކިން ލޮޓެއްގައި ތިން ގަޑިއިރު ވަންދެން ޕާކުކޮށްފައި އޮތް ކަމަށެވެ.