ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ އިންތިޒާމް ހަމަޖެހިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެކަމަށް މަރުހަބާ ކިޔައި އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، ޕޭޕަލްއާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫގެ ފިންޓެކް ގުޅިގެން ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރުމަށް ހަމަޖެހިގެން ދިއުމަކީ ޑިޖިޓަލް ޓެކްނޮލަޖީގެ ދާއިރާ އިން ރާއްޖޭގެ އިގްތިސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައިގަނޑު އެއް ލަނޑުދަނޑި ހާސިލްވުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހި ފަންނުވެރިން ކުރިއަރުވައި، ޑިޖިޓަލް އަދި ކުރިއޭޓިވް އިކޮނޮމީގެ ޒަރިއްޔާއިން އިގުތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އަމާޒު ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ތާރީހުގައި މުޅިން އަލަށް ފަށާ އެ ހިދުމަތަކީ، ފައިސާގެ މުއާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތަޢާރަފުކުރުމާއި، ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިދުމަތްތައް ދިވެހިރާއްޖެއިން ލިބޭނެ ގޮތަށް މަގުފަހިކޮށްދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ކުރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިގުތިސާދުގައި ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވާނެ ކަމަށެވެ.

އެފަދަ ހިދުމަތްތައް ގައުމުތަކުގައި ފަށައިގަތުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ގިނަކަމާއި، ފަންނީ އަދި މާލީ މިފަދަ ޒަމާނީ މުއާމަލާތްތައް ކުރުމުގައި ރާއްޖެ ފަދަ ގައުމުތަކަށް ޒަމާނުއްސުރެ ކުރިމަތިވެފައި ހުރި ދަތިތަކުން އަރައިގަނެ މިފަދަ ބައިނަލްއަގުވާމީ ހިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދީ، އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެ، އެ ހުރަސްތައް ކަނޑައްތުކޮށްފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އެ ހިދުމަތް ތައާރަފުކުރުމަށްޓަކައި ޕޭޕަލް އަދި ކަމާގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ކުރެވިފައެވެ.

އެހެންކަމުން، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށިގެންދިއުމަކީ، މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި، އަދި އީޖާދީ، ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާލީ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ޕޭޕަލް، އުރީދޫ ފިންޓެކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އެ މަސައްކަތް ކާމިޔާބުކުރުމުގައި އެ މިނިސްޓްރީއާއެކު މަސައްކަތްކުރި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ އެންމެން ޝާމިލުވާ، ގުޅިލާމެހިފައިވާ ޑިޖިޓަލް އިގުތިސާދެއް ގާއިމުކުރުމަށްޓަކައި ރާއްޖެއިން ކުރާ މި ދަތުރުގައި މާލީގޮތުން އެންމެ މަގުބޫލު އަދި އެންމެ ފެންވަރު ރަނގަޅު ޓެކްނޮލޮޖީގެ މިނޫން އިތުރު ވަސީލަތްތަކާއި ހިދުމަތްތައް ރާއްޖެއަށް ތައާރަފުކުރުމަށްވެސް ސަރުކާރުން އަބަދުމެ އިސްކަންދެމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.