ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީގެ ކުންފުނި ސްވިފްޓު އިންޖިނިއަރިން އަށް ބަދަލު ދިން ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފިއެވެ.

އޭސީސީ އަށް ހާޒިރުވާން ފައްޔާޒަށް ފޮނުވި އަމުރުގައި ވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30އަށް އޭސީސީއަށް ހާޒިރުވާން އަންގައިފައެވެ.

އޭސީސީގެ އަމުރުގައި 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައިވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށް ބަޔާން ކޮށްފައިވެއެވެ.

އަދި މެންބަރު ސައުދުގެ ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއްދީ، މި އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ވެސް އޭސީސީން ފައްޔާޒަށް ފޮނުވި އަމުރުގައިވެއެވެ.

އެ އަމުރު ސޯޝަލް މީޑިއާގައި ޕޯސްޓު ކުރައްވަވާ ފައްޔާޒު ވިދާޅުވީ އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލެއް ނުކުރައްވަވާ ކަމަށެވެ. ފާއިތުވި ދެ އަހަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު ކަމަށްވެސް ވިދާޅުވިއެވެ.

"ވަޒީފާގެ ޔަގީންކަން ހޯދުމަށް ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު. ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވަނީ ރައީސް ‏މުއިއްޒު ކަހަލަ ޚުދުމުހުތާރު، އަނިޔާވެރި މީހަކު ވެރިކަމާ ހަވާލުވުމުން މިހާރުމާބޮޑަށްވެސް ސާފުވެގެން ދަނީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ކަމަށް ވިދާޅުވެފައެވެ.

މިނިވަން މުއައްސަސާތައް ހަގީގަތުގައިވެސް މިނިވަންކުރަން ޖެހިފައިވުމުގެ މުހިންމުކަން ސާފުވަމުން އަންނަ ކަމަށާއި ‏މުޅި ދައުލަތް ބޭނުންކޮށްގެން ބިރު ދައްކައި ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް އަދި އެމްޑީޕީ އެންމެން ޖަލަށްލީނަމަވެސް ޑިމޮކްރަޓިކް ރާއްޖެއެއް ބިނާކޮށް ރައްޔިތުންނަށް އަސާސީހައްގުތައް އަނެއްކާވެސް ކަށަވަރުކޮށްދޭން ކުރާންޖެހޭ މަސައްކަތް ކުރުމުގައި ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.