ސަރުކާރުތައް ބަދަލުވުމަކުން ފެނަކަ ކޯޕަރޭޝަންގެ ތެރޭގައި ހިންގަމުން އަންނަ ކޮރަޕްޝަންގެ އަމަލުތަކެއް ނުހުއްޓޭ ކަމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ފެނަކަ ކޯޕަރޭޝަނާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރު ކޮށްފައިވާ ހާއްސަ އޮޑިޓާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ މައްސަލަތައް ބަލައި އެ ކަންތައްތަކުގެ ޒިންމާ އުފުލަން ޖެހޭ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ އެ ރިޕޯޓަކީ 20ވަނަ ރައްޔިތުންގެ މަޖިލީހުން ނުވަތަ އަދުގެ ސަރުކާރުން އެދިގެން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ނޫން ކަމަށެވެ.

މިހާރު ނެރެފައިވާ އޮޑިޓު ރިޕޯޓާ ގުޅިގެން ނާޒިމް ވިދާޅުވީ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން 19ވަނަ ރައްޔިތުންގެ މަޖިލީހުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ފެނަކައިގެ ކޮރަޕްޝަން މައްސަލަތައް އޭރުގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީން 2021ވަނަ އަހަރުގެ ފެބްރުއަރީ މަހު ފަށާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ހަމަ އެ އަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހު އެސްއޯއީ ކޮމެޓީގެ އޭރުގެ މުގައްރިރާއި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި ފެނަކައިން އަމަލު ކުރާނީ ހެދިފައިވާ އުސޫލުތަކުގެ ތެރެއިންކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކަފުޅުގައި 19ވަނަ މަޖިލީހުގެ އެސްއޯއީ ކޮމެޓީން 2021ވަނަ އަހަރުގެ ޖޫން މަހު ފެނަކައިގެ އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތަށް އެ މައްސަލަ ފައިލް ކޮށްފައި ދެ އަހަރު ވަންދެން ބޭއްވި ކަމަށާއި އަލުން މައްސަލަ ބަލަން ފެށީ އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެބޭފުޅުންގެ ގުޅުން ގޯސްވި ހިސާބުން ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

"އެބޭފުޅުން [ކުރީގެ އެސްއޯއީ ކޮމެޓީން] އޮޑިޓާ ޖެނެރަލްގެ އަރިހުން މި ދެންނެވީ 2021ވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަންތައްތައް [ފެނަކަ ކޯޕަރޭޝަންގައި] ހިނގާފައި އޮތް ގޮތުގެ ހާއްސަ އޮޑިޓެއް ކޮށްދެއްވާށޭ. މިހާރު ނިކުމެގެން އުޅޭ އޮޑިޓު ރިޕޯޓަކީ އެ ސިޓީއާ ގުޅިގެން ނިކުމެފައިވާ ރިޕޯޓެއް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ފެނަކައިގެ އޮޑިޓުން ކަންބޮޑުވާން ޖެހޭ އެތައް ކަމެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފެނަކައިގެ ތެރެއިން އެއްވެސް ޖެހިލުމެއް ނެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށެވެ.

"ފެނަކައިގައި ހިނގަމުން ދިޔަ ކޮރަޕްޝަނަކަށް ސަރުކާރު ބަދަލުވުމަކުން، އެއް ސަރުކާރު، އަނެއް ސަރުކާރު ބަަދަލުވުމަކުން ބަދަލެއް އައިސްފައެއް ނެތް. އެ ކަންތައްތައް ހަމަ އެ ގޮތުގައި ކުރިއަށް ދިޔައީ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ވޯޓުލައިގެން ކަންކަން ބަދަލުކުރެވިއްޖެ ކަމަށާއި ސަރުކާރުތައް ވެސް ބަދަލުކުރެވިއްޖެ ކަމަށެވެ. އެހެން ނަމަވެސް ފެނިގެން ދަނީ ކޮރަޕްޝަން ހަމަ އެއްގޮތަކަށް ވެސް ނުހުއްޓި ކުރިއަށް ދާތަން ކަމަށް އޭނާ ވިދާޅުވިއެވެ.