ފެނަކަ ކޯޕަރޭޝަނާއި ގުޅޭ ގޮތުން 161 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އޭސީސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޚާއްޞަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުގެ ތަހުގީގު ކުރުމުގެ އިހުތިސޯސަށް ފެތޭ މައްސަލަތަކަކީ ކޮބައިކަންބަލައި އެ ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގިނަ މައްސަލަތަކަކީ އެ ކޮމިޝަނުން މިހާރުވެސް ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

"މިގޮތުން ފެނަކަ ކޯޕަރޭޝަންގެ 161 މައްސަލަ މި ކޮމިޝަނުން މި އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަތަކުގެ ތެރެއިން 13 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފަށާފައިވާއިރު، 2022 ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަނަށް ނިސްބަތްވާ 9 މައްސަލައެއްގައި އެކި ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދަޢުވާކުރެވި މިހާރުވަނީ ހުކުމްކޮށްފައެވެ،" ބަޔާނުގައިވެއެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، 21،458،280.86 (އެކާވީސް މިލިޔަން ހަތަރުސަތޭކަ ފަންސާސް އަށް ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަ ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އެ ކޮމިޝަނުން އަންގާފައިވާނެ ކަމަށެވެ.

އަދި މީގެ އިތުރުން، ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 96 ކަމެއް އިސްލާހު ކުރުމަށް، އެ ކޮމިޝަނުން މިހާތަނަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށްވެސް ބުންޏެވެ.

އޭގެތެރޭގައި އެ ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 49 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމަކާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމަކާއި، ކުންފުނިން ބަލައި ތަހުގީގުކުރުމަށް 8 ކަމެއް ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.