ފަލަސްތީނު ހިސޯރު ކޮށްފައި އޮތް އޮތުމާއި ދެކޮޅު ހެދުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ އެކްޓިވިސްޓުން ކަނޑުމަގުން ޣައްޒާއަށް ކުރަމުން އަންނަ ދަތުރަށް އިޒްރޭލުން ހުރަސް އެޅުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ކުށްވެރި ކުރައްވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތައް ހިފައިގެން ހަރަކާތްތެރިވާ ހަތިޔާރެއް ނެތް މަދަނީ އުޅަނދުތައް ހިމެނޭ ބޯޓުތައް ބައިނަލްއަވާމީ ކަނޑުގެ ސަރަޙައްދުގައި އިސްރާއީލުން ހުރަސް އެޅުމުން ކުށްވެރި ކުރައްވާ ކަމަށެވެ.
މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށްވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ. އަދި މިއީ އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި ވެސް މުޅިން ހިލާފު އަމަލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ އިންސާނީ ކަރާމާތަށް އިހުތިރާމް ނުކޮށް، އޯގާތެރިކަމާއި ހަމްދަރުދީގެ އަމަލުތައް ނުދެއްކުމުގެ ސަބަބުން، އިޒްރޭލުން ވަނީ ބައިނަލްއަގުވާމީ މުޖްތަމަޢުން އެކަހެރިވެފައިވާ ކަމަށެވެ.
އެހެންކަމުން އިންސާނިއްޔަތުގެ އަހްލާގީ މިންގަނޑުތަކާ ހިލާފަށް، އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އިޒްރޭލުން ތަކުރާރުކޮށް ހިލާފުވަމުންދާ އަމަލުތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖްތަމައު އަށް އެމަނިކުފާނު ވަނީ ގޮވާލައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި، އަދުލުވެރިކަމާއި، ސުލްހަވެރިކަމާއި، ސަލާމަތާއި ރައްކާތެރިކަން ހޯއްދަވައިދެއްވުމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޣައްޒާ އަށް ދަތުރު ކުރަމުން އަންނަ އުޅަނދުތަކުގެ އަދަދު ގާތްގަނޑަކަށް 45 އަށް އަރައެވެ. އެ އުޅަނދުތަކުގައި އެކި ގައުމުތަކުގެ ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުން ހިމެނޭހެން 500 އެއްހާ މީހުން ތިބި ކަމަށްވެއެވެ.