ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓަކީ އޮޑިޓާ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރެފައިވާ ސިޔާސީ ރިޕޯޓެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓު ރިޕޯޓެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިއުކުރުން އެޕާޓީން ކުށްވެރި ކުރާ ކަމަށެވެ.
އެޕާޓީން ބުނި ގޮތުގައި އެ އޮޑިޓުގައިވާ ކަންކަމަކީ ސައްހަ ކަންކަންތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އެ ކަމެއް ބަލައި އިންސާފުވެރި ޝަރީއަތަކުން ގޮތް ކަނޑައެޅުމަށް މި ޕާޓީން މަރުހަބާ ކިޔަމެވެ. ސަރުކާރުގެ ޕްރޮޕަގަންޑާ މެޝިނުން ފަތުރަމުން އަންނަ ތޯތޯ ވާހަކަތަކަށް މި ޕާޓީން ޖަވާބުދާރީވާނީ އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއްގަ އެވެ،" ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ނަގާފައިވާ ކަމަށް ބުނެފައިވެއެވެ.
"ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ މައްޗަށް ފުރިހަމަ ބާރު މުއިއްޒު ހިންގަވަމުން ގެންދަވާއިރު އޮޑިޓަރ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް މަގާމުން ވަކިކުރާނެ ކަމުގެ ބިރު ދައްކައިގެން މުއިއްޒު ބޭނުންވާ ގޮތަށް ރިޕޯޓުތައް ނެރެމުންދިޔުމަކީ ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ،" ބަޔާނުގައިވެއެވެ.
އެޕާޓީގެ ބަޔާނުގައި އެފަދަ ރިޕޯޓެއް ނެރުނުއިރު އެ ކަމުގައި ޝާމިލުވާ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކުރުމެއް ނެތި އެ ރިޕޯޓު އާންމުކުރުމަކީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ރިޕޯޓެއްކަން ސާބިތުވާ ކަމަށް ބުނެފައިވެއެވެ.
"މިއީ ވެސް މުއިއްޒުގެ ސަރުކާރުގެ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމް އަޅުވައި އަގު ވައްޓާލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓަކީ އެ ސަރުކާރުން އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށެވެ. އަދި އެ ރިޕޯޓަކީ 3 އޮކްޓޯބަރުގައި ބާއްވާ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެއް ކަމަށްވެސް އެމްޑީޕީން ބުންޏެވެ.