ފައިދާނުވެ، ގެއްލުމުގައި ހިންގަންޖެހޭ ކަމަށް ބުނެ، ގއ. ކޫއްޑޫ އެއާޕޯޓުގެ ކެފޭ ބަންދުކޮށްފިއެވެ.
ކޫއްޑޫގައި އެއަރޕޯޓް ހިންގަމުންދާ ޕްރިސްޓައިން އައިލެންޑްސް އިންވެސްޓްމަންޓުން އެތަނުގެ ކެފޭ ހިންގަން ދީފައި ވަނީ ކުންޓަލިއަން ހޯލްޑިންސްއަށެވެ.
އެ ކުންފުނީގެ އިސް ބޭފުޅަކު "ހަތާވީސް"އަށް މިއަދު ވިދާޅުވީ ކޫއްޑޫ ކެފޭ ބަންދުކުރީ އެތަނުން ލިބޭ އެއްޗަކާއި ހަރަދާއި ކުއްޔަށް ދައްކަންޖެހޭ އަދަދާ ނުބައްދަލުވެ، ގެއްލުމުގައި ހިންގަންޖެހޭތީ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހިންގުނު ގޮތުން ކަންނޭނގޭ، އާމްދަނީއެއް ނުދައްކާ. އަޅުގަނޑުމެން އެތަނާ ހަވާލުވީ ގެސްޓުންނަށް ހިދުމަތްދޭ ގޮތަކަށް ނޫން. އެހާ އާދައިގެ ގޮތަކަށް ހުންނަ ތަނަކަށް ފަތުރުވެރިން ވައްދައިގެން ހިދުމަތް ދިނުމަކީ އެހާ ރަނގަޅު ކަމަކަށް ވެސް ނުވާނެ،" ކުންފުނީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.
ކޫއްޑޫގައި ހިންގާ ކެފޭ ބަންދު ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
ދުވާލެއްގެ މައްޗަށް ކޫއްޑޫއަށް ހަ ފްލައިޓު ޖައްސައެވެ. އެއާޕޯޓަށް އަންނަ ފަސިންޖަރުންނާއި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ހިދުމަތް ހޯދަނީ އެ ކެފޭއިންނެވެ.
ހަތާވީސްއަށް އެނގިފައިވާ ގޮތުގައި މަހެއްގެ މައްޗަށް ކެފޭގެ ކުއްޔަށް 1،200 ޑޮލަރު (18،504 ރުފިޔާ) ދައްކަންޖެހެއެވެ. ކެފޭ ހިންގާ ކުންފުނިން ބުނީ ކެފޭއިން ހިދުމަތް ދެނީ ޓޫރިސްޓުންނަށް ވުރެ ބޮޑަށް ދިވެހިންނަށް ކަމަށެވެ.
ގއ. އަތޮޅުގައި ހަ ރިސޯޓު ހިންގައެވެ. އަދި 14 ގެސްޓު ހައުސް އާއި ސިޓީ ހޮޓަލެއް ވެސް ހިންގަމުންދެއެވެ. ދެކުނުގައި އެންމެ ބާރު ބޮޑު އެއާޕޯޓަކީ ކޫއްޑޫއެވެ.
ކޫއްޑޫ އެއާޕޯޓް ހުޅުވީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
ހުވަދޫގައި މިހާރު ހަތަރު އެއާޕޯޓް އެބަ އޮތެވެ. އެއީ ކޫއްޑޫ އެއާޕޯޓުގެ އިތުރުން ގދ. މާވަރުލު އެއާޕޯޓާއި ގދ. ކާޑެއްދޫ އެއާޕޯޓާއި ގދ. ފަރެސްމާތޮޑާ އެއާޕޯޓެވެ.