މީޑިއާތައް ޖޫރިމަނާކޮށް، މީޑިއާތަކުގެ ރަޖިސްޓްރީ އާއި ލައިސަންސް ހިފައްޓައި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މީޑިއާ ކޮންޓްރޯލް ބިލު" ކޮމިޓީން ފާސްކޮށްފައި ވަނިކޮށް، އަނެއްކާވެސް އެ ބިލު ދިރާސާ ކުރުމަށް ނިންމައިފިއެވެ.

އެ ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 2 ޖަހާއިރު ބޭއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ. އެ ބައްދަލުވުމަށް މެމްބަރުންނަށް ކިޔާފައި ވަނީ ބައްދަލުވުން ފެށުމަށް 15 މިނެޓަށްވެފައި ވަނިކޮށެވެ.

ކޮމިޓީން ބިލުގެ މަސައްކަތް ކުރިއަށް ގެންދަނީ މަޖިލިސް ޗުއްޓީގައިވަނިކޮށެވެ. އަދި ދައުރުން ބޭއްވުން ހާއްސަ ޖަލްސާއެއް ބާއްވައި އެ ބިލު ފާސްކުރަން ނިންމާފައިވެއެވެ.

މީޑިއާ ކޮންޓްރޯލް ކުރަން ހުށަހަޅާފައި ބިލުގައި ބުނެފައިވާ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އުވާލުމަށްފަހު، އާ ކޮމިޝަނެއް އުފައްދާނެއެވެ. އެ ކޮމިޝަންގެ މެޖޯރިޓީ އޮންނަނީ މީޑިއާތަކުން އިންތިހާބު ކުރާ މެމްބަރުންގެ މައްޗަށެވެ. އެ މެމްބަރުން އިންތިހާބު ކުރުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޗެނަލްތަކަށާއި އެތަނުގެ މުވައްޒަފުންނަށް ދީފައިވުމުން، އެތަނުގެ މުވައްޒަފުން ސަރުކާރުގެ މަސްލަހަތުގައި ވޯޓު ދޭނެ ކަމަށް ބެލެވޭތީ، އެ ކޮމިޝަނަށް އައްޔަންވެގެންދާނީ ސަރުކާރު ކޮންޓްރޯލް އޮންނަ މެމްބަރުންނެވެ.

އެ ބިލުގައި ހުރި އަނެއް ކަންބޮޑުވުމަކީ އަލަށް އުފައްދާ ކޮމިޝަނުން އެންގުމުން، ހަތް ދުވަހުގެ ތެރޭގައި މީޑިއާތަކުން ފަތުރާ މައުލޫމާތެއް ހޯދި ގޮތް ނުވަތަ މަސްދަރު އެ ކޮމިޝަނަށް އަންގަންޖެހޭނެއެވެ. ނަމަވެސް ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިން ގެނެސްދޭ މައުލޫމާތެއްގެ މަސްދަރު ހިމާޔަތްކޮށްފައިވެއެވެ.