ހިޔާލު ހޯދުމުގެ ވޯޓަށް އާންމުން ހޭލުންތެރި ކުރުވުމަށް 21 ދުވަސް (ތިން ހަފްތާ) ދިނުމަށްފަހު، ހިޔާލު ހޯދުމުގެ ވޯޓު ނަގަންޖެހޭ ގޮތަށް ބިލު މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވި "ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު" މިއަދު ބޭއްވި ޖަލްސާގައި 64 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ. މަޖިލިސް ޗުއްޓީގައި ވަނިކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް، ދައުރުން ބޭއްވި ހާއްސަ ޖަލްސާގައި އެ ބިލު ވަނީ ފާސްކޮށްފައެވެ.

ބުނެފައިވާ ގޮތުން މަދުވެގެން 21 ދުވަހުގެ ތެރޭގައި އާންމު ހިޔާލު ހޯދުމުގެ ވޯޓަށް އާންމުން ހޭލުންތެރި ކުރުވުމަށް، ހިޔާލު ހޯދުމުގެ ވޯޓު ނެގިދާނެއެވެ.

ހިޔާލު ހޯދުމުގެ ވޯޓަކަށް މަހަކަށް ވުރެ ކުރު މުއްދަތެއް ބިލުގައި ދީފައިވުމުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް (މީއްކޮ) ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

ބިލުގައި ބުނެފައިވާ ގޮތުން ހިޔާލު ހޯދުމުގެ ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި އާއި ގައުމީ މުހިންމު މައްސަލަތަކުގެ އިތުރުން ގާނޫނުއަސާސީގެ މުހިއްމު މާއްދާތަކަށް އިސްލާހު ގެންނައިރުއެވެ.

ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް އެދެވޭނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުން އެދިގެން ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކުރިއަށް ގެންދަންވާނެ ކަމަށާއި ފަސް ދުވަހުގެ ތެރޭގައި ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލުގެ ފުރިހަމަ އިބާރާތް އީސީން އާންމު ކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.