ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެމުން އަންނަ އިނާޔަތް ކުޑަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަ ކުރުމަށް އެމަނިކުފާނަށް ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. އެއަށްފަހު އެމަނިކުފާނު ހިއްސާ ކުރެއްވީ ޅެން ބައިތެކެވެ.

ލިބޭ މިންވަރު ނިކަން ދަނެގެން

ވި ބޭނުންތައް ބަހާލައިގެން

ތިބޭ ނަމައީ ފިކުރު ކޮށްގެން

މި ބޭޒާރެއް ނުވެސް ވާނެއޭ

މި މަހުގެ 10ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށާއި ކުރީގެ މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ ބައެއް އިނާޔަތްތައް އުނި ކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.