މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގައި އޮޅުވާލުންތަކެއް އެބަހުރި ކަމަށާއި އެކަން ވަރަށް ސާފުކޮށް ފެންނަ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސް ނަގައިގެން ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ފޯރަމްގައި ވާހަކައްދަކަވަމުން ސަވާދު ވިދާޅުވީ އެ ބިލަކީ ހަމައެކަނި މީޑިއާތަކާއި ނޫސްވެރިންނަށް އަމާޒު ކޮށްފައިވާ އެއްޗެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް އެކަމުގެ އަސަރު ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށާއި އަދި ރާއްޖޭގައި ދިރިއުޅެމުން އަންނަ ހުރިހާ ބިދޭސީންނަށް ވެސް ކުރާނެ ކަމަށެވެ.
އެހެން ކޮމިޝަންތަކާއި އިދާރާތައް ރެގިއުލޭޓު ކުރެވޭ ފަދައިން ނޫސްވެރިކަމާއި މީޑިއާ އަކީ ރެގިއުލޭޓު ކުރެވެން ޖެހޭނެ ދާއިރާއެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އެކަމަކު ބިލުގެ ފަހަތުގައިވާ ބައެއް މާއްދާތައް ބަލާލުމުން ބިލުގައި އެހެން މަގުސަދެއް ވެސް އެބައޮތްކަން ހާމަވާ ކަމަށް ސަވާދު ވިދާޅުވިއެވެ.
"މީގައި [ބިލުގައި] އޮޅުވާލުމެއް އެބަވޭ... ވަރަށް ސަރީހަކޮށް. އެފަދަ އޮޅުވާލުމެއް ވާއިރު ދެން އަޅުގަނޑުމެން ވިސްނަން މިޖެހެނީ މި ބިލު ވުޖޫދުވީ ކިހިނެއްބާއޭ،" ސަވާދު ވިދާޅުވިއެވެ.
އެ ފޯރަމްގައި ސޯޝަލް މީޑިއާގެ ކޮންޓެންޓް ކްރިއޭޓަރުންނާއި ބައެއް ޒުވާނުން ވެސް ވަނީ ބިލު މިހާރު އޮތް ގޮތުން ލިބޭނެ ގެއްލުންތަކުގެ ވާހަކަތައް ހިއްސާ ކޮށްފައެވެ.
އެގޮތުން ވާހަކަދެއްކި ޒުވާނެއް ކަމަށްވާ އަލީ ރަޝްވާން މުހައްމަދު ބުނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުން ތަޅު އެޅުވެނީ ހަމައެކަނި ނޫސްވެރިންގެ އަނގަޔަކު ނޫން ކަމަށެވެ.
"އަޅުގަނޑުގެ އަނގައިގައި ވެސް ތަޅުއެޅުވޭނެ. ތިބޭފުޅުންގެ އަނގައިގައި ވެސް ތަޅު އެޅުވޭނެ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ރާއްޖެއަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރަމުން އަންނަ ގައުމަކަށްވީ ނަމަވެސް މިއަދު ފެންނަމުން ދަނީ ތިންބާރު އެއްވެފައިވާ މަންޒަރު ކަމަށެވެ. މީޑިއާތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ދުރާލާ ރާވައިގެން ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ރޭގެ ފޯރަމްގައި ގިނަ އަދަދެއްގެ އާއްމުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ އާއްމު މެންބަރުންނާއި ގިނަ އަދަދެއްގެ ނޫސްވެރިން ވެސް ބައިވެރިވިއެވެ. އަދި އެ ފޯރަމްގައި އާއްމު ފަރާތްތަކުން ބިލާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެއަށް ޖަވާބުތައް ވެސް ދިނެވެ.