މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް "ހިޔާލާއި ފިކުރު ކަފުނަށް" މި ނަމުގައި މިރޭ ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ. މި ފޯރަމަކީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ގިނަ ޒުވާނުން ގުޅިގެން އިންތިޒާމު ކުރާ ފޯރަމެކެވެ.
ފޯރަމް ބާއްވަނީ މިރޭ 8:45ގައި އާޓްފިޝަލް ބީޗުގައެވެ.
މި ފޯރަމްގައި އާންމުންނާއި އެކި ދާއިރާތަކުގެ މީހުންނަށް ބައިވެރިވެ، ހިޔާލުފާޅު ކުރުމުގެ ފުރުސަތު ދޭނެއެވެ. އަދި ސުވާލުކޮށް، އެމީހުންގެ ޝުއޫރުތައް ފާޅުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ ކޮންޓްރޯލް ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މެދުވެރިކޮށް މަޖިލީހަށް ހުށަހެޅި، ސަރުކާރުގެ ތާއީދާއެކު މަޖިލީހުން ބަލައިގަނެފައިވާ ބިލެކެވެ. މި ބިލު މިހާރު ދަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސިއްރު ބައްދަލުވުންތަކެއްގައި ދިރާސާ ކުރަމުންނެވެ.
މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓުމާއި ނޫސްވެރިން ޖޫރިމަނާ ކުރުމުގެ ބާރު ލިބިދެއެވެ. އަދި މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގެ ރައީސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންފުޅަކަށް މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ.
މި ބިލާ ގުޅޭ ގޮތުން މިހާރު ކޮމިޓީން ކުރިއަށްގެންދާ މަސައްކަތްތަކަކީ ސިއްރު މަސައްކަތްތަކަކަށް ވުމާއެކު، މީޑިއާތަކަށް އަދި އާންމު ފަރާތްތަކަށް ވެސް އެ ޖަލްސާތައް އަޑުއެހުމުގެ ފުރުސަތެއް ނުލިބެއެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް"ގެ ނަމުގައި ހުށަަހަޅާފައިވާ ބިލު މަޖިލީހުން ބޭރުކޮށްލަން 40 އަށްވުރެ ގިނަ މީޑިއާއިން 150 އަށްވުރެ ގިނަ ނޫސްވެރިން އަދި ބައިނަލްއަގުވާމީ 20 ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލާފައެވެ.