މި ސަރުކާރަކީ 100 ޕަސެންޓު މީޑިއާ ޕްރޯ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާތައް ކޮންޓްރޯލް ކުރާ ބިލާ ގުޅިގެން ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމުގެ ގޮތުން ރައީސް މުއިއްޒާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ރައީސް އޮފީހުގައި މިއަދު ކުރިޔަށްދިޔަ އެ ބައްދަލުވުމުގައި ރާއްޖޭގެ ބައެއް ސީނިއާ ނޫސްވެރިން ވެސް ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި "ދައުރު" ނޫހުގެ މެނޭޖިން އެޑިޓަރު އަދި އެޑިޓާސް ގިލްޑްގެ ރައީސް އަހްމަދު ޒާހިރު (ހިރިގާ) އާއި "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި "މިހާރު" ނޫހުގެ ނޫސްވެރިޔާ މުއިއްޒު އިބްރާހީމްގެ އިތުރުން އެމްޖޭއޭގެ ހިންގާ ކޮމިޓީގެ މެމްބަރު އަދި ނޫސްވެރިޔާ މުހައްމަދު ޖުނައިދު ވެސް ބައިވެރިވިއެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށާއި އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި، މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅު ނުވާކަމަށް އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވި ކަމަށާއި އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން އާއްމު ކޮށްފައިވާ ހަބަރުގައިވެއެވެ.

އެ ހަބަރު ނިންމާލަމުން ބުނެފައި ވަނީ ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ކަމަށެވެ.

އެމްޖޭއޭ އަދި ބައެއް ނޫސްވެރިންނާއި ރައީސް މުއިއްޒު ބައްދަލުކުރައްވާފައި މިވަނީ ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުން އިއްޔެ ބޭއްވި ދައުރުން ބޭރުގެ ޖަލްސާގައި މީޑިއާ ކޮންޓްރޯލް ކުރާ ބިލު ބަލައިގަތުމުން ރައީސް އޮފީސް ކައިރީގައި އިއްޔެ އާއި މިއަދުވެސް ނޫސްވެރިން އަޑު އުފުލަމުން ދަނިކޮށެވެ. މި ދެ ދުވަހު ވެސް ނޫސްވެރިންގެ އެންމެ ބޮޑު ޑިމާންޑަކަށްވީ ރައީސް މުއިއްޒާ ބައްދަލުކުރުމެވެ.

އިއްޔެގެ އިހުތިޖާޖުގައި ނޫސްވެރިން ވަނީ ރައީސް މުއިއްޒު ދިރިއުޅުއްވާ ގެކޮޅު މުލީއާގެ ކައިރިއަށް ވެސް ގޮސް އިހުތިޖާޖު ކޮށްފައެވެ. ނަމަވެސް އިއްޔެ އެމަނިކުފާނު ނޫސްވެރިންނާއި ބައްދަލެއް ނުކުރެއްވިއެވެ.

މިއަދު ހެނދުނުއްސުރެ ނޫސްވެރިން އަންނަނީ ރައީސް އޮފީސް ކުރީގައި ގާއިމް ކޮށްފައިވާ މީޑިއާ ފެންޑާގައި ތިބެ އިހުތިޖާޖު ކުރަމުންނެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލާއި ޔޫތު އަދި އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވައިފައެވެ.