ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ކަމަށާއި އަނިޔާވެރިވުމަކީ ޖަލަށްލުން ނޫން ކަމަށާއި ރައްޔިތުން ބިކަ ހާލުގައި ޖެއްސުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗްގައި މިރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ މިހާރުގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ކަމަށެވެ.

ބިކަ ހާލުގައި ޖެއްސުމަކީ ވެސް އަނިޔާވެރިކަން ކަމަށް ފާހަގަކޮށް ޔާމީން ވިދާޅުވީ ރައްޔިތުން ދިރިއުޅެނީ ސަލާން ޖަހައިގެން ކަމަށެވެ.

"އަނިޔާވެރިވަނީ ހަމައެކަނި ޖަލަށްލީމަކާއެއް ނޫން. އަނިޔާވެރިވަނީ ރައްޔިތުން މިހާ ބިކަހާލުގައި، މިހާރު ރާއްޖޭގައި ބިކާރީންތަކެއް ގޮތަށް އުޅެން މިޖެހެނީ. ސަލާން ޖަހައިގެން އުޅެންޖެހެނީ. މިއެއް ނޫން ދިވެހިރާއްޖެއަށް ހައްގު މިންވަރަކީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުން، ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގައި ވައްކަން ނުކުރާ އެކަކުވެސް ނެތް ކަމަށެވެ. އަދި އެއް ގަލުން ފެހި ނުކާ އެއް ރޮނޑުވެސް ނެތް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ސަރުކާރާ ދެކޮޅަށް ނުތެދުވެވޭނެ ކަމަށާއި އެ ލީޑަރުން ތިބީ ނަގުފިތިފައި ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނެވީ ރައްޔިތުންގެ ލޯބި ހޯއްދަވައިގެން ނޫން ކަމަށާއި ވެރިކަން ކުރެވެން އޮތް ގޮތަކަށް ވެރިކަން ކުރައްވަނީ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ތިބީ ނަފްސު ވިއްކާލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ޚަރަދުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ފާހަގަކުރެއްވީ މި ދެ އަހަރު ދުވަހުގެ ތެރޭގައި 110 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ކޮބައިތޯ ސުވާލު އުފައްދަވައި، މި ސަރުކާރަށް ހުޅުވެނީ ހަމައެކަނި އޭޓީއެމް މެޝިން ކަމަށް ވިދާޅުވިއެވެ.