ލުއި ލޯނުގެ ނަމުގައި ދިވެހި ރައްޔިތުން ދަރަނީގެ ދަންތުރައެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖައްސަމުންދާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުވި ދުވަހު ވެސް މިކަން ފާހަގަކުރެއްވި ކަމަށާއި، ލުއި ލޯނުގެ ނަމުގައި 15-18 ޕަސެންޓްގެ ރޭޓުން ލޯނު ދޫކުރަމުންދަނީ ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އަޅުވާ ގޮތަށް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމް.އެމް.އޭއިން އިންޓަރވީން ކޮށްގެން ނަމަވެސް ރައްޔިތުންނަށް މިގޮތަށް ނުޙައްޤުން ހޯދާ މުއްސަނދިކަމެއް، ނުޙައްޤު މުއްސަނދިކަމެއް ފާޑަކަށް ބޭންކް އޮފް މޯޓް ވެސް މި ހޯދަނީ. ހަ މަސް ތެރޭގައި އެއް ބިލިއަން ރުފިޔާގެ ފައިދާ ވާނީ ކޮންބައެއްގެ ލާރިތޯއޭ. އެއީ، އާއްމު ނިކަމެތިމީހާގެ ފައިސާ،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.
"މިކަމުން އެބަޖެހޭ އެމްއެމްއޭއިން އިންޓަރވީން ކޮށްގެން ކޮންމެވެސް ޙައްލެއް ހޯދައިދޭން،" ޝަމްހީދު ވިދާޅުވިއެވެ. އެކަމާ ގުޅޭގޮތުން އުއްމީދީ ޖަވާބެއް އެމްއެމްއޭ ގަވަރުނަރު އަހުމަދު މުނައްވަރު އިއްޔެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމްހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބީއެމްއެލްއިން ހަ މަސްދުވަހުގެ ތެރޭގައި އެއް ބިލިއަން ރުފިޔާގެ ފައިދާ ހޯދަނީ އާންމު ނިކަމެތި ރައްޔިތުންގެ އަތުން ކަމަށާއި، ބޮޑެތި ވިޔަފާރިވެރިންނަށް 6-7 ޕަސެންޓްގެ ރޭޓުން ލޯނު ދޫކުރާއިރު، ނިކަމެތި ރައްޔިތުންނަށް 15 ޕަސެންޓްގެ ރޭޓުން ލޯނު ދޫކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، ޑޮލަރުގެ މައްސަލައިގައި ވެސް ބޮޑެތި ވިޔަފާރިވެރިންނަށް 40-50 ޕަސެންޓް އަދި ކުދި ވިޔަފާރިވެރިންނަށް 10-15 ޕަސެންޓްގެ ރޭޓުން ޑޮލަރު ދޫކުރަމުންދާ ކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ. މި މައްސަލަތަކަށް ހައްލެއް ހޯދުމަށް ގާނޫނީ ބަދަލުތައް ގެނައުމަކީ އެމަނިކުފާނުގެ އުއްމީދު ކަމުގައި ވިދާޅުވިއެވެ.
ގައުމީ ބޭންކުގެ މާލީ ހިސާބުތަކުން ދައްކާގޮތުން، 2023 ވަނަ އަހަރު ބޭންކަށް 2.25 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެއް ބިލިއަން ރުފިޔާގެ ފައިދާވެފައިވާ ކަމަށެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ލިބުނު ފައިދާއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓުގެ ކުރިއެރުމެކެވެ.