އަވަށްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަނބުރާ ގައުމަށް ފުރާވަޑައިގެންފިއެވެ.
ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަތީ މިމަހުގެ 28ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ލަންކާގެ ރައީސް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ.
މި ދަތުރުފުޅުގައި ދެގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރެވިގެންދިޔައެވެ. އަދި ދެގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެން ވެސް ދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްބަސްވުމަކީ ޖިނާއީ މައްސަލަތަކުގައި އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމާއި ގުޅޭ އެއްބަސްވުމެވެ.
ލަންކާގެ ރައީސްގެ ޝަރަފުގައި ރައީސް މުއިއްޒު ވަނީ ހާއްސަ ފަރިއްކޮޅެއް ވެސް ދެއްވައިފައެވެ. އަދި އެ ފަރިއްކޮޅުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތައާރަފު ކުރުންވެސް އޮތެވެ.
މިއަދުގެ ވަގުތެއްގައި ލަންކާގެ ރައީސް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ސަލްޓަން ޕާކުގައި އެމަނިކުފާނު ވަނީ މޫނިމާ ގަހެއް އިންދަވައިފައެވެ.