ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ވަގަށް ނެގުމަށް ސަރުކާރުން ހުށަހެޅި ބިލެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މީކާއިލް ވިދާޅުވީ، އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅާއިރު އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ހާލަތަށް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީކާއިލް ވިދާޅުވި ގޮތުގައި މި ބިލުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އިލެކްޝަންސް ކޮމިޝަނެވެ. ނަމަވެސް އެ ކޮމިޝަނަކީ "ރައީސް އެންގެވިހާ ގޮތަކަށް ކަންކުރައްވަން އޮތް ކޮމިޝަނެއް" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) މެދުވެރިކޮށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ވަގު ފޯމުތަކެއް ވެއްދި މައްސަލާގައި އީސީން އެކަން ބަލަހައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ 2028ގެ ރިޔާސީ އިންތިހާބު ވަގަށް ނަގަން ހުށަހެޅި ބިލެއް. މިއީ ހީލަތްތެރި ބިލެއް،" މީކާއިލް ވިދާޅުވިއެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށާއި، ފެހި ޤާނޫނުއަސާސީގެ ރޫހާ ހިލާފު ބިލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީކާއިލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެ ބިލަކީ ރައްޔިތުންނާ ގާތަށް ވެރިން ދާންނުޖެހޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެކެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު، މިފަދަ ކޮމިޝަނަކަށް ރައްޔިތުން އިތުބާރު ކުރާނެތޯ ސުވާލު އުފެއްދެވިއެވެ.