ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ބޭއަދަބީ އަމަލުތައް ހިންގާތީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ މުހައްމަދު ނަބީލް (ޔާޔާ) ޑްރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ޓިކްޓޮކްގައި ބަރަހަނާވި މައްސަލާގައި އޭނާ އެއް އަހަރާއި އެއް މަހަށް ޖަލަށްލާން ވެސް ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް އެ ހުކުމަށްފަހު އޭނާ ހުރީ މިނިވަންވެފަ އެވެ. އޭގެފަހުން ވެސް ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ބޭ އަދަބީ އަމަލުތައް ތަކުރާރުކޮށް އޭނާ ދިޔައީ ހިންގަމުންނެވެ.
ޔާޔާ އާއި ހދ. ކުޅުދުއްފުށީ/ބިޗާނާ އާދަމް މުހައްމަދުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ އޮކްޓޫބަރު، 2017 ގައި އެ މީހުން މާލޭގައި ތިބި ކޮޓަރިއެއް ފާސް ކުރިއިރު އެތަނުން މަސްތުވާތަކެތި ފެނުނު މައްސަލައަކާއި ޔާޔާގެ ގެ ގެއިން ޑްރަގް ފެނުނު މައްސަލައެއްގަ އެވެ.
ދައުވާގައިވާ ގޮތުން އެ ދެ މީހުން އެ ކޮޓަރިން ހައްޔަރުކޮށް ފާސްކުރިއިރު 20.7422 ގްރާމް ކެނަބިސް ފެނުނެވެ. އަދި ޔާޔާގެ ގެއިން ފިލްމު ހުސްކުރި އަށް ދަޅުގައި 231.3015 ގްރާމް ކެނަބިސް ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ ތަކެތި ހުރި އަލަމާރީގެ ވަތްގަނޑުގައި އޮތް ފޮތި ކޮތަޅެއްގައި ވެސް މަސްތުވާތަކެތި ހުންނާނެ ކަމަށް ޔާޔާ ބުނުމުން އެ ބެލި އިރު ފެނުނު ފިލްމު ހުސްކުރި ދަޅަކުން 25 ގްރާމަށް ވުރެ ގިނަ ކެނަބިސް ފެނިފައިވެ އެވެ. އަދި ހަމަ އެ ކޮތަޅުގެ ތެރެއިން ފެނުނު އެހެން ކޮތަޅަކުން ތިން ދަޅަކުން 85 ގްރާމަށް ވުރެ ގިނަ ކެނަބިސް ފެނުނެވެ.
ދައުވާއަށް ޖަވާބުދާރީ ވަމުން އާދަމް ދައުވާއަށް އިންކާރުކުރި ނަމަވެސް ޔާޔާ ބުނީ ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރަން ގެންގުޅޭ ތަކެތި ކަމަށާއި އަދި އެ ތަކެތިން ވިޔަފާރި ނުކުރާ ކަމަށެވެ.
ނަމަވެސް ކޯޓުން ނިންމީ ދައުލަތުން ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށެވެ. އެހެންވެ ދެ މީހުން 25 އަހަރަށް ޖަލަށް ލުމަށާއި ކޮންމެ މީހަކު 100،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ އިއްޔެއިން ފެށިގެން 12 މަސް ދުވަސް ތެރޭގައި ދައުލަތަށް ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.