މާލޭގެ އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދަން ގޮވާލައި މާލޭގައި ޒުވާނުންކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އަބްދުالله މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމުން، ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޒާހަރާ ކުރުމަކީ ގާނޫނު އަސާސީ ކަށަވަރުކޮއްދިން ހައްގެއް ކަމަށާއި މުޒާހަރާކުރުމުން ޖިނާއީ ދައުވާއުފުލުމަކީ ރާއްޖޭގެ ރައްޔިތުން ގުރުބާންވެގެން ހޯދި ގާނޫނު އަސާސީ "ވެއްޔާ މޮޑެލުން" ކަމަށެވެ.

"މިކަމުން ކަށަވަރުވީ ކަމަކީ މި ގާނޫނުއަސާސީގެ ދަށުން ވެރިކަންކުރަން ރައީސް މުއިއްޒު ކުފޫ ހަމަނުވާކަން،" ޑިމޮކްރެޓްސް ދޫކޮށް، އެމްޑީޕީއާ އެކު، ސިޔާސީ މަސައްކަތް ކުރަމުންދާ ޝިފާޒު ވިދާޅުވިއެވެ.

ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، އިދިކޮޅު އެމްޑީޕީން

މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފު ފާތިހު ވިދާޅުވީ ރައީސް އޮފީހުގެ ލީގަލް ސެކަރެޓަރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފު މިނިވަން މުއައްސަސާއެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް އައްޔަން ކުރެއްވި ސަބަބު މިހާރު ސާފުވާ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ ސިޔާސީ ނުފޫޒުން ޕީޖީ އައްބާސް ޝަރީފުގެ މެދުވެރިކޮށް، އެ ދައުވާ ކުރަން މަޖުބޫރުކުރުވި ވާހަކައެވެ.

އެކަމާ ގުޅިގެން، ދައުވާ ލިބޭ މަހްޒޫމް ވިދާޅުވީ "ކިތަންމެ ބިރުދެއްކިޔަސް އިސްލާހީ މަސައްކަތެއް ހުއްޓޭކަށް ނެތް. އަދުލު އިންސާފު ގައުމުގެ ނެތްވަރު އެ ދައުވާއިން އިނގިގެންދާ" ކަމަށެވެ.

އޭނާއާ އެކު ދައުވާ ލިބޭ އަނެއް ޒުވާނާ، ޝިމޮން ބުނީ މުޒާހަރާގެ ހުރިހާ ކަމެއް ވެސް ހިނގީ ޓީވީން ލައިވްކޮށް ކަމަށާއި ދޮގު އިލްޒާމް އަޅުވައި، ދައުވާ ކުރުމަށް ޖާގައެއް ނެތް ކަމަށެވެ.

ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި ފުލުސް އޮފީސް ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. އެ މީހުން ބަންދުގައި ބޭތިއްބުމަށްފަހު ތިބީ ދޫކޮށްލައިފައެވެ.

އެ މައްސަލާގައި މަހުޒޫމްގެ މައްޗަށް ދައުލަތުން ކުރަނީ އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.

އަނިޔާއެއް ކުރުން އަތުލުމުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ..

ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ޔުމްނުގެ މައްސަލާގައި ކުރި މުޒާހަރާތަކާ ގުޅިގެން އެކަން ބެލުމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދެވި އެވެ. އެ ކޮމިޝަނުން ނިންމީ ފުލުހުންގެ އިހުމާލުތަކެއް އެ މައްސަލާގެ ތަހުގީގުގައި އޮތް ކަމަށެވެ.