ކިޑް ޕްރޮޑަކްޝަން އާއި ސެޓަރން ސްޓޫޑިއޯ ހުށަހަޅައިދޭ "ކަނބުލޮ"ގެ ފުރަތަމަ ސްޕޮންސަރގެ ގޮތުގައި އެވޯން އާއެކު ސޮއިކޮށްފިއެވެ.
ދިވެހި ފިލްމު "ކަނބުލޮ" އޮލިމްޕަހުގައި އަޅުވާނީ އަންނަ އޯގަސްޓް މަހުގެ 31ގައެވެ.
ފިލްމު "ކަމަނަ" ވެސް ސްޕޮންސަރ ކުރި އެވޯން އިން ބުނީ މި ފިލްމު ސްޕޮންސަރ ކުރި އެއް ސަބަބަކީ މި ފިލްމަކީ ދިވެހި މުޖުތަމަޢުގައި ކުޑަކުދިންނަށް ކުރަމުންދާ ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމަކަށްވުމުން އެފަދަ ކަންކަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ސްޕޮންސަރަކަށް ވުމުގެ އިތުރުންން އެވޯންއިން ވަނީ ފިލްމުގެ ޓިކެޓް ގަންނަ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ބެޑްރޫމް ސެޓެއް ދިނުމަށް ނިންމާފައެވެ.
އޮގަސްޓް 31 ހާ ހަމައަށް ބައްލަވައިގަންނަވާ ކޮންމެ ޓިކެޓަކަށް ކޫޕަނެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު ގުރުއަތުލުން ކުރިޔަށްގެންދާނީ ފިލްމު ޕްރިމިއަރ ހަފްލާގައެވެ.
އެވޯން އަކީ ފެންވަރު ރަނގަޅު ޒަމާނީ ފަރުނީޗަރު ރާއްޖެ އެތެރެކޮށް ވިއްކުމުގައި މަގުބޫލުކަން ހޯދާފައިވާ ފަރާތެކެވެ.
"ކަމަނަގެ ކާމިޔާބީއަކީ ވެސް އަޅުގަނޑުމެން މި ފިލްމު ސްޕޮންސަރކުރި އެއް ސަބަބު" އެވޯންގެ ސީއީއޯ އާމިނަތު ޝިއުނާ ޙުސައިން ވިދާޅުވިއެވެ.
ފިލްމު "ކަމަނަ"ގެ 200 އަށް ވުރެ ގިނަ ހައުސްފުލް ޝޯ މުޅިރާއްޖޭގައި ކުރިޔަށް ގެންދިއައެވެ.
"ކަނބުލޮ" ސްޕޮންސަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން ޖުލައި މަހުގެ 10 ދުވަހުގެ ކުރިން, ސްޕޮންސަރުންނަށް ޚާއްސަކުރެވިފައިވާ ނަމްބަރު 7458800 އަށް ގުޅުމަށް ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިން އެދެއެވެ.
"ކަނބުލޮ" އަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ޤައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.
ޔަޝްފާ ޢަބްދުލް ޣަނީގެ މި ވާހަކައަށް ތައްޔާރުކުރާ ފިލްމު ކަނބުލޮގެ ޝޫޓިންގ ނިންމާ މިހާރު ދަނީ އެޑިޓިންގގެ މަސައްކަތްކުރަމުންނެވެ.
ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާއެވެ.
މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ.
މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.
ފިލްމުގެ ޕްރޮޑިސަރަކީ 2024 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ކަމަނަ" ގެ އެއް ޕްރޮޑިއުސަރ އަލީ ޝާނިޒް މުހައްމަދުއެވެ.