ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުތަކުން "ޓީމޫ" އާއި "ޝީއިން" ވިޔަފާރިކުރާނަމަ، 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ ކަމަށް އެ ބޭންކުން ބުނުމުން، ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް 500 ޑޮލަރާ ހަމައަށް ކަނޑައެޅުމަށްފަހު، އާންމު ކުރި ބަޔާނެއްގައި ބުނީ "ޓީމޫ، ޝީއިން، އަލިބާބާމ އަލި އެކްސްޕްރެސް، އީބޭ" ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ ކަމަށެވެ.

އެކަމާ ކަންބޮޑުވުންފާޅުކޮށް "އެކްސް"ގައި ކުރި ޕޯސްޓެއްްގައި ދިވެހި އިކޮނަމިސްޓެއް ކަމަށްވާ ނަފާ ނަސީމް ވިދާލުވީ ކާޑުން ހަދާ ޓްރާންސެކްޝަންތަކަށް 30 ޕަސެންޓް ޗާޖެއް ނެގުމަކީ ފޭރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު ހާރޫން ވިދާޅުވީ ބީއެމްއެލްގެ އެ ނިންމުމުގެ ސަބަބުން ޑޮލަރުގެ ރޭޓް ރަސްމީކޮށް، 20 ރުފިޔާއަށް ކަނޑައެޅިގެންދިޔައީ ކަމަށެވެ. އޭނާ ޕޯސްޓުގައި އެކަން ތަފްސީލުކޮށްފައިވާ ގޮތުން ކޮންމެ އެއް ޑޮލަރަކަށް 30 ޕަސެންޓުގެ ފީއެއް ނެގުމަކީ ހަތަރު ރުފިޔާ އިތުރަށް ނެގުން ކަމަށްވާތީ، ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އުފުލޭނެކަން އޭނާ ކިޔައިދީފައިވެއެވެ.

ވިޝާމް ކިޔާ މީހަކު "އެކްސް"ގައި ބުނެފައި ވަނީ ސަރުކާރުގެ ތާއިދާއި ވޯޓު ގެއްލިފައިވާ ކަމަށާއި އެކަން ހިނގާފައި ވަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރި ކަމަކުން ނޫން ކަމަށެވެ. އެކަން ކުރީ ބީއެމްއެލްއިން ކަމަށް ވިޝާމް ބުނެފައިވެއެވެ.

ޕީއާރް ސްޕެޝަލިސްޓް، ނައިޝާދު ޝަރީފު "އެކްސް"ގައި ވިދާޅުވީ ބޭރުގެ އޮންލައިން ވެބްސައިޓުތަކުން ގިނަ މީހުން ވިޔަފާރި ކުރަނީ ޒަރޫރީ ތަކެތި ގަންނަން ކަމަށާއި ފައިދާ ހޯދަން ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން 30 ޕަސެންޓް ފީ ނެގުމާ ދެކޮޅަށް އޭނާ ވާހަކަ ދައްކާފައިވެއެވެ.