‎"ލިލީ ބޭނުން"، "ލިލީ ނުލިބޭ" " ލިލީ ލިބިއްޖެ" މިއީ މިހާރު މުޅި ސޯޝަލް މީޑިއާ ހިސޯރުކޮށްލި ވާހަކަތަކެކެވެ. އެއްބަޔަކަށް މިކަންވީ އުދަނގުލަކަށެވެ. އަނެއް ބަޔަކަށް ވަރަށް ސަޅި ޓްރެންޑަކަށެވެ. އެންމެން ވެސް އިންތިޒާރު ކުރީ އެއް ކަމަކަށެވެ. އެއީ މި ޓްރެންޑްގެ ހަގީގަތް ބަލާލުމެވެ. ‎ލިލީ ލިބިއްޖެ ކެމްޕެއިން ‎މިއީ އަލަށް އުފައްދައިގެން އުޅޭ ޕްރަޑަކްޝަން ހައުސް، ކްރިއޭޓިވް ނެޓްވޯކުގެ އަލަތު ފީޗާ ފިލްމު "ލިލީ"ގެ ނަން އިއުލާން ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކެމްޕެއިނެކެވެ.

ކެމްޕެއިންގައި ވާނީ މާލެ ސަރަހައްދަށް 400 އާއި ގާތް ކުރާ އަދަދަކަށް ލިލީ މާ ވަނީ ބަހައިފައެވެ. ‎މި ޖޫން މަހުގެ 24 އިން ޖޫން 28 މެންދުރު ފަހަކާ ހަމައަށް ކުރިއަށް ގެންދިޔަ މި ކެމްޕެއިނާ އެކު ކްރިއޭޓިވް ނެޓްވޯކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ވަނީ 2.3 މިލިއަން ވިއުވާޒްއަށް ރީޗް ވެފައެވެ. އެއީ އިންސްޓަގްރާމުގައި 1.3 މިލިއަން އަދި ފޭސްބުކްގައި 1 މިލިއަނެވެ.‎

"ލިލީ" ފިލްމް‎ލިލީ ފިލްމް ފުރަތަމަ އިއުލާން ކޮށްފައިވާނީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. އެހެން ނަމަވެެސް އޭރު ދޫކޮށްލި ވީޑިއޯގައި އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ. ފިލްމުގެ ނަން ވެސް އޭރު ނޭނގެ އެވެ. އިއްޔެ މި ފިލްމުގެ ނަން، "ލިލީ" އިއުލާން ކޮށްފައި ވާނީ ފިލްމުގައި ހަރަކާތްތެރިވާ ތަރިންނާ ވެސް އެކުއެވެ.

‎ފިލްމުގެ ލީޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާވެސް ހިމެނޭނެ އެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގު، އައިޝަތު އާރިފާ އަދި މުހައްމަދު ވަހީދު ވެސް މުހިންމު ރޯލުތަކަކުން ފެންނާނެ އެވެ. މީގެ އިތުރުން އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރު މުޅިން އަލަށް ދިވެހި ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ އެވެ.‎

ފިލްމުގެ މޭކަޕްތައް ކޮށްފައިވާނީ ޖަސްޓިންއެވެ. ޑައިރެކްޓާ އޮފް ފޮޓޯގްރަފީ އަކީ ސަމާހު އިބްރާހިމް އެވެ. އެނިމޭޝަންތަކުގެ މަސައްކަތް ކޮށްފައިވާނީ ހުސައިން އިހުސާންއެވެ. ފިލްމުގެ ނަން ފަރުމާކޮށްފައި ވަނީ އަބްދުﷲ ޝަފީއު (އަބޯ)އެވެ. ބެކްސްކޯރިންގެ މަސައްކަތް ކޮށްފައިވާނީ ފަތުހުﷲ ޝަކީލްއެވެ. ޅެމާއި މެލޮޑީ މުހައްމަދު އަބްދުލް ޣަނީ ހަދާފައިވާއިރު ލަވައިގެ މިޔުޒިކްތައް ހަދާފައިވަނީ ހުސައިން ތައުފީގް އެވެ.‎

މިއީ މުހައްމަދު އަރީޙް އުފައްދައި އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ.‎ފިލްމުގެ މަންޒަރުތައް ނަގާފައިވާނީ މިއަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ މަހު އެވެ. ގާތްގަނޑަކަށް 90 އިންސައްތަ މަންޒަރުތައް ނެގީ ޅ. ހިންނަވަރުގައެވެ. އަނެއް 10 އިންސައްތަ ނަގާފައިވާނީ ލާމު އަތޮޅުގެ ހިތްގައިމު މަންޒިލްތަކުގައެވެ.

‎މިއީ ކްރައިމް ތްރިލާ ޖޯންރާގެ ފިލްމެކެވެ. ފިލްމުގައި ކުށުގެ ވެށިން މުޖުތަމައުގައި އުފެދޭ ގިނަ މައްސަލަތަކަކަށް އަލިއަޅުވާލާފައިވާނެ އެވެ. ހަގީގީ ހާދިސާތަކެއްގެ މައްޗަށް ލިވެފައިވާ ފިލްމުގެ ވާހަކައިގެ އެހެން ބައެއް ތަފްސީލުތައް ކުރިއަށް އޮތްތަނުގައި ހާމަކުރާނެ އެވެ.‎ފިލްމު އޮލިމްޕަސް ސިނަމާއަށް މިއަހަރު އަންނާނެ އެވެ. ސީދާ ތާރީހެއް އަޅުގަނޑުމެން އިއުލާން ކުރާނަމެވެ.