މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ތިން މެންބަރަކު މިއަދު އިންތިހާބުކޮށްފިއެވެ.
މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ ދައުރު ނޫހުގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިނު ނާޒިމާއި އަދަދު ނޫހުން ވާދަ ކުރެއްވި ލީވާން އަލީ ނަސީރެވެ. އަދި އާންމު މެންބަރުގެ މަގާމަށް ހޮވިވަޑައިގަތީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ލ. ގަން، ތުނޑި ލިންކު، ހައްވާ ވަޖުދާއެވެ.
މުޒައްޔިން އިންތިހާބުވީ 50 މީޑިއާގެ ވޯޓުންނެވެ. ލީވާން އިންތިހާބުވީ 48 މީޑިއާގެ ވޯޓުންނެވެ. ވަޖުދާ އިންތިހާބުވީ 38 ވޯޓުންނެވެ.
މީޑިއާ ކައުންސިލަކީ މީޑިއާތަކުގެ 8 މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.
މީޑިއާ ކައުންސިލް ބައި-އިލެކްޝަން މި ބޭއްވީ ކައުންސިލްގެ ތިން މެންބަރުންގެ މަގާމު ހުސްވުމާ ގުޅިގެންނެވެ. މިއަދު ބޭއްވި އިންތިހާބުގައި 53 މީޑިއާއަކުން ވޯޓުލިއެވެ.
މި އިންތިހާބުގައި މީޑިއާތަކުގެ ދެ މަގާމަށް ތިން ކެންޑިޑޭޓަކު ކުރިމަތިލާފައިވާއިރު، އާންމުންގެ މަގާމަށް ހަ މީހަކު ވަނީ ކުރިމަތިލާފައެވެ.
އައު މެންބަރުން އިންތިހާބުވުމާއެކު، މީޑިއާ ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.