ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި އަމުރު ބާތިލު ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން ނެރުއްވި ރައުޔަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތު ނުލިބުނެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އޭނާ ބަންދުކުރަން ދަށު ކޯޓުން ނެރުނު އަމުރު ދެމެހެއްޓުމަށެވެ.
އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް, ހައްޔަރުކުރި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން އޮތީ ދަމަހައްޓައިފައެވެ.
އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެގޮތަށް ނިންމެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުالله ހަމީދުގެ އަޣުލަބިއްޔަތުންނެވެ.
އެހެން ނަމަވެސް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔަކީ ޝަމްއާން ބަންދުކުރި އަމުރު ބާތިލްކުރަން ޖެހޭ ކަމަށެވެ. އެއީ ޝަމްއާންގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭ ސަބަބުތަކެއް ދައުލަތުން ހުށަހަޅާފައި ނުވާތީ ކަމަށް އެ ރައުޔުގައިވެއެވެ.
އެގޮތަށް ކޯޓުން ހުކުމް ކުރިއިރު, ޝަމްއާންގެ މައްޗަށް މިހާރު ވަނީ ތިން ދައުވާއެއް އުފުލައިފައެވެ.
އެއީ ފޭރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ނުވަ އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.