އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވުމުން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މެންދުރުގެ ފަރިއްކޮޅަކަށް އިންސާފު ކުރައްވައިފިއެވެ.

ޑިމޮކްރެޓްސްގެ މެމްބަރުންނާ އެކު، ރައީސް ނަޝީދާއި ފައްޔާޒު ބައްދަލު ކުރައްވައި ވާހަކަދެއްކެވީ މއ. ބޮޑުފެންވަޅުގޭގައި މިއަދު މެންދުރުއެވެ.

އެ ބައްދަލުވުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވަނިކޮށް، ފައްޔާޒު "އެކްސް"ގައި ވިދާޅުވީ އެ ބައްދަލުވުމުގައި ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަަދަލުކޮށްފައިވާ ކަމަށެވެ.

ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން.
ފައްޔާޒު އިސްމާއިލް. އެމްޑީޕީ ޗެއާޕާސަން

ފައްޔާޒާއި ނަޝީދު ބައްދަލު ކުރައްވާފައި މި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް މުހައްމަދު ނަޝީދު ޝައުގުވެރިކަން ފާޅުކޮށް، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ މަޝްވަރާ ހޯއްދަވާފައިވަނިކޮށެވެ.

އެމްޑީޕީގެ ތެރޭގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ބޮޑުވެ، ފެކްޝަންތައް ވަނީ އުފެދިފައެވެ.

އެގޮތުން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުން ވަނީ އަމިއްލަފުޅަށް ޓީމުތައް ހައްދަވައި، ތާއިދު ހޯއްދެވުމަށް މަސައްކަތް ފައްޓަވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ ފައްޔާޒާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދެވެ.