ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަގާމަށް ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޒަމްއަތު އެ މަގާމަށް އައްޔަން ކުރަނީ ބްރޯޑްކޮމްގެ މިހާރުގެ މެންބަރުކަމުގައި ހުންނެވި އާމިނަތު އަމީނާ (އަނާ)ގެ މެންބަރުކަމުގެ ދައުރު މިއަދަށް ހަމަވުމާއި ގުޅިގެންނެވެ. އަނާގެ ދައުރު ހަމަވާން ކައިރިވުމުން ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލިއެވެ.
އެ މަގާމަށް ކުރިމަތިލާފައިވާ ހަ ބޭފުޅަކާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ އިންޓަވިއުކޮށްފައެވެ. މި ބޭފުޅުންގެ ތެރެއިން 75 މާކުސް ލިބިވަޑައިގަތީ ތިން ބޭފުޅަކަށެވެ. މީގެތެރޭގައި މި ސަރުކާރުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވި ކުރީގެ ނޫސްވެރިޔާ ޒީނާ ޒާހިރުވެސް ހިމެނިވަޑައިގަންނަވައެވެ.
75 މާކުސްއަށްވުރެ ގިނައިން ލިބުނު ބޭފުޅުން:
- ޒަމްއަތު އަހުމަދު ވަހީދު: 89 މާކުސް
- ޒީނާ ޒާހިރު: 85 މާކުސް
- ޝިމްލާ އަހްމަދު (އޭއޯ ނިއުސްގެ ފައުންޑާ): 77 މާކުސް
މި ތިން ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ވޯޓަށް އެހީ ޒަމްއަތުގެ ނަމަށެވެ. ޒަމްއަތަށް 56 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. އެހެންކަމުން ޒަމްއަތުގެ ނަން ފާސްވުމުން އިތުރު ބޭފުޅަކަށް ވޯޓަކަށް ނާހައެވެ.
ޒަމްއަތު ވަނީ މީގެކުރިން ވެސް ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލައްވައިފައެވެ. އެފަހަރު ކޮމެޓީން އެންމެ ގިނަ މާކުސް ދިނީ ޒީނާ ޒާހިރަށެވެ. ނަމަވެސް މަޖިލީހުން ނެގި ވޯޓުން ފާސްވީ ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާންގެ ނަމެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި