މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން މާލެ ސިޓީ، ދެމެހެއްޓެނިވި ސިޓީއެއްގެ ގޮތުގައި އޮތުމަށް ކުރާ މަސައްކަތަކީ އުނދަގޫ، އެހެނަސް އަވަސް ހައްލެއް ބޭނުންވާ މަސައްކަތެއް ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ޢާޒިމް މިހެން ވިދާޅުވީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި، މިހާރު ކުރިޔަށްދާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ މޭޔަރސް ފޯރަމްގެ ފަޔަރ ޗެޓް ސެޝަންގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކާބަން މަދުކުރުމަށް، ހަކަތައިގެ ނުވަތަ ދަތުރުފަތުރުގެ އިޞްލާޙުތަކުން ފެށިގެން، އައްސޭރިފަށް ޙިމާޔަތްކުރުމާއި، މާލެ ސިޓީ ދެމެހެއްޓެނިވި ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖާވާބު ދެއްވަމުން އާޒިމް ވިދާޅުވީ، ކާބަން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތް ފެށުމުގެ މަރުހަލާގައި ވީ ނަމަވެސް، ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލް ކުރުމުގެ މަސައްކަތުން ކުރިއެރުންތައް ޙާޞިލްކުރެވެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ފެށީ، އަޅުގަނޑުމެންގެ މަގުތައް ބާރުވެފައިވާ މިންވަރު ދެނެގަތުމުން. އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)އާއެކު އަޅުގަނޑުމެން ފަހުން ހެދި ދިރާސާއަކުން ދަނެގަނެވުނީ، ގިނަ ރައްޔިތުން މިހާރު ވެސް އިޙްސާސްކުރާ ކަމެއް. އެއީ މާލޭގެ އިންފްރާސްޓްރަކްޗަރއަށް އެކަށީގެން ނުވާ ވަރަށް ވުރެ ގިނަ އުޅަނދުތައް ހުރިކަން،" މޭޔަރު ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ތޮއްޖެހުމަކީ ހަމައެކަނި ރައްޔިތުންނަށް ކުރިމަތިވާ އުނދަގުލެއް ނޫން ކަމަށާއި، އެއީ ޞީއްޙީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ.

"މިކަމުން ވައިގެ ތަޣައްޔަރުކަން އިތުރުވެ، މަގުމަތީގެ ހާދިސާތައް ގިނަވެ، އަދި މީހުންގެ ވަގުތާއި ޢާމްދަނީ ނެތިދޭ،" މޭޔަރު ވިދާޅުވިއެވެ.

އެހެންކަމުން މާލެ ސިޓީގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި، ތޮއްޖެހުން މަދުކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ވެސް، ޢާޒިމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ޢާޒިމް ވިދާޅުވީ މި ބަދަލުތައް ގެނައުމަށް، ސަރުކާރުން ކުރަމުންދާ މަސައްކަތުގައި މާލެ ސިޓީ ކައުންސިލަށް ލިބިފައިވަނީ ވަރަށް ކުޑަ ބާރެއް ކަމަށާއި ނަމަވެސް ސިޓީ ކައުންސިލުން މި މަސައްކަތް ކުރަމުންދަނީ، މާލެ ސިޓީގެ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށް ކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ކާބަން ދަށް ކުރުމަށް ކުރާ މަސައްކަތަކީ، ހަމައެކަނި ވައިގެ ތަޣައްޔަރުވުމާ ގުޅިފައިވާ ކަންކަން ނޫން ކަމަށާއި، އޭގެތެރޭގައި، މީހުންގެ ދިރިއުޅުމާ ގުޅިފައިވާ ކަންކަން ވެސް ހިމެނޭ ކަމަށެވެ. މި ބަދަލުތަކުން މިހާރު ވެސް ދިރިއުޅުމަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ބެހޭ ގޮތުން މޭޔަރ ވަނީ ވާހަކަފުޅު ދައްކާވާފައެވެ.