އަންނަ އަހަރުގެ އެޕްރީލް މަހު އާއްމު އިންތިޚާބު ބާއްވާނެކަން، ބަންގްލަދޭޝްގެ ސަރުކާރު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި މުހައްމަދު ޔޫނުސް އިއުލާންކުރެއްވިޔަސް، އެ ތާރީޚުގައި އިންތިޚާބު އޮވެދާނެކަމާމެދު ބަންގްލަދޭޝްގެ ޕާޓީތަކުން ސުވާލު އުފައްދަން ފަށައިފިއެވެ.

މިއަހަރު ނިމުމުގެ ކުރިން އިންތިޚާބު ބާއްވަން ބަންގްލަދޭޝްގެ ސިޔާސީ ޕާޓީތަކުންނާއި އަސްކަރިއްޔާއިންވެސް ގޮވާލަމުން ދަނިކޮށް، ޔޫނުސް އަންނަ އަހަރު އެޕްރީލް މަހު އިންތިޚާބު ބާއްވާނެކަމަށް އިއުލާންކުރެއްވީ، ކުރިމަތިވަމުންދާ ފިއްތުންތައް ކުޑަކުރުމަށްކަމަށް ބައެއް މުހައްލިލުން ދެކެއެވެ. މިދިޔަ އަހަރު ބަންގްލަދޭޝްގެ މަގުތަކަށް ޒުވާނުން ނިކުމެ، ޝެއިޚް ހަސީނާގެ ވެރިކަން ވައްޓާލުމާއެކު ވަގުތީ ގޮތުން ވެރިކަމާއި ހަވާލުވީ ޔޫނުސްއެވެ.

އެހެންނަމަވެސް އަވަސް އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ޔޫނުސްވެސް ބޭނުންފުޅުވަނީ ވެރިކަމުގައި ވީހާވެސް ގިނަ ދުވަހު ހުންނަވަން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އަޟްޙާ ޢީދު ދުވަހު ޢީދު ނަމާދުން ނިމިގެން ޑާކާގައި ހުންނަ ބޮޑު މިސްކިތުން ޔޫނުސް ނުކުންނެވި ވަގުތު، އިންތިޚާބު ނުބޭއްވުމަށާއި، 5 އަހަރު ވެރިކަން ކުރުމަށް ޔޫނުސްއަށް ހިތްވަރުދީ އޭނާގެ ސަޕޯޓަރުން ގޮވާލާ ވީޑިއޯއެއް ވައިރަލްވެފައިވެއެވެ.

އެ ވީޑިއޯ އާއްމުކުރެއްވީ ޔޫނުސްގެ ޕްރެސް ސެކްރެޓަރީ ޝަފީޤުލް ޢާލަމްއެވެ. ޔޫނޫސްގެ ބަހެއް ނެތި އޭނާ އެ ވީޑިއޯ އާއްމު ނުކުރައްވާނެކަމީ އެންމެންވެސް ގަބޫލުކުރާ ކަމެކެވެ. ޔޫނުސް ވެރިކަމުގައި ހުންނަވަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެވެނީ މިފަދަ ސަބަބުތަކާ ހެދިއެވެ. ބަންގްލަދޭޝްގެ ޖަމާޢަތޭ އިސްލާމީ އާއި އެ ޕާޓީ އާއި ގުޅިފައިވާ ބައެއް ކުދި ޕާޓީތަކުގެ އިތުރުން، އަންނަ އަހަރަށް އިންތިޚާބު ލަސްކުރަން ތާއީދުކުރާ ދެވަނަ ޕާޓީއަކީ ނޭޝަނަލް ސިޓިޒަންސް ޕާޓީއެވެ.

އަންނަ އަހަރަށް އިންތިޚާބު ފަސްކުރަން އެއްބަސްވި ނަމަވެސް، މިހާރު އޮތް އިލެކްޝަންސް ކޮމިޝަނާއެކު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެތޯ ނޭޝަނަލް ސިޓިޒަންސް ޕާޓީއިން ސުވާލު އުފައްދައެވެ. އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ބޭނުން ވަނީ މިއަހަރު ނިމުމުގެ ކުރިން އިންތިޚާބު ބާއްވަންށެވެ. އަދި އެޕްރީލް މަހަކީ ބަންގްލަދޭޝްގެ ސްކޫލްތައް ނިންމާ ދަރިވަރުންގެ މައި އިމްތިޙާނު އޮންނަ ދުވަސްވަރު ކަމަށްވެފައި، އިންތިޚާބުގެ ކުރިން ރޯދަ މަސް އަންނާތީ ވެސް ބީ.އެން.ޕީގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. ސަބަބަކީ ރޯދަ މަހު ރަނގަޅަށް ކެމްޕޭން ނުކުރެވި، ރޯދަ ނިމޭގޮތަށް އިންތިޚާބަށް ދިޔުމަކީ އެޕާޓީއިން ބޭނުންވާ ގޮތަށް ނުވާތީއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމުންތަކުގެ ސަބަބުން ޝައިޚް ހަސީނާގެ އަވާމީ ލީގަށް މިފަހަރުގެ އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމާމެދު ސުވާލު އުފެދެއެވެ. އެހެންނަމަވެސް އިންތިޚާބު ލަސްކުރުމާއި ގުޅިގެން އެޕާޓީއިން ބުނީ، އަންނަ އަހަރުގެ އެޕްރީލްއަށް އިންތިޚާބު ލަސްކުރުމުގެ ސަބަބުން ދިމާވާނެ ދަތިތައް މިހާރުވެސް އެނގިތިބެ އެ ތާރީޚު އިއުލާންކުރީ، ބަހަނާތަކެއް ދައްކައިގެން ފަހުން ހަމަ އެ ދަތިތަކާހެދި އިންތިޚާބު ލަސްކުރަން ޖެހޭކަން އިއުލާންކުރުމުގެ ބޭނުމުގައި ކަމަށެވެ.