ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމުން ހުސްވި ދެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ސަލީމާއި ހަމީދުގެ ނަން އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ.
އެ މައްސަލަ ދިރާސާކުރަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި, ހޮޅުދޫ ދާާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވީ އެ ދެ ބޭފުޅުންގެ ނަމަށް ރުހުން ދިނުމަށެވެ. އަދި މެމްބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.
އެ ބޭފުޅުން އެ މަގާމަށް އައްޔަންކުރަން ނިންމާނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.
ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރު އެވެ. އަދި ކުރީގެ ފަނޑިޔާރު ހަމީދަކީ 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު ފަނޑިޔާރުކަން ކުރެއްވިކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ފަނޑިޔާރު ކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަތް ކަމަށް ބުނެ އެވެ.