މިހާރު ބޭނުން ކުރަމުން އަންނަ ކަރަންޓުގެ ޓެރިފް ރޭޓު ކުޑަކުރީ ވީހާވެސް ލުއި ފަސޭހަކޮށް ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް އަލަށް ކަނޑައަޅާފައިވާ ރޭޓުގައި އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.
ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެކަން މެނޭޖުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރައީސް ވަނީ، ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ ކުންފުނިތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަންހުރިކަންވެސް ފާހަގަކުރައްވާފައެވެ.
"މީ ރާއްޖޭގެ ތާރީހުގައި އަޅުގަނޑަށް އެނގިގެން ފުރަތަމަ ފަހަރު، މި ކަހަލަށް ކަމެއް ކުރި. މިކަން އަޅުގަނޑު މި ކުރީ ވަރަށް ސިމްޕަލްކޮށް. އަޅުގަނޑު ބޭނުމެއް ނޫން ކުންފުނިތަކުގެ އިންއެފިޝަންސީ ނޫނީ، ސަރުކާރުން އެނާޖީ ޕޮލިސީ މެނޭޖުކުރުމުގައި ހުރި މައްސަލަތަކެއްގެ ބާޑަން، ރައްޔިތުން ނަގާކަށް. ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ސަރުކާރުން ފުޅާ ދާއިރާއެއްގައި އިންވެސްޓްކުރައްވާނެކަން ތަކުރާރުކުރައްވާފައެވެ. 2028 ވަނަ އަހަރާ ހިސާބަށް ދާއިރު، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 30 އިންސައްތައަކީ އިޔާދަކުރަނިވި މަސްދަރުތަކުން ހޯދާ ހަކަތައަށް ހެދުމުގެ އަމާޒާއެކު، ކަރަންޓުގެ ހިދުމަަތްދޭ ކުންފުނިތައް ހަރުދަނާކުރުމުގެ ތެރެއިން، ކަރަންޓު ޓެރިފް ރޭޓް ކުޑަކުރުމުގެ ކަންކަން ދެކޮޅުޖައްސަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޓެރިފް ރޭޓަށް ގެނެސްފައިވާ ބަދަލުތައް:
- ބޭންޑް 0-100 އަށް މިހާރު އިންނަ ރޭޓް 1.50 - އަލަށް ކަނޑައެޅި ރޭޓް - 1.25
- ބޭންޑް 101-200 އަށް މިހާރު އިންނަ ރޭޓް 1.70 - އަލަށް ކަނޑައެޅި ރޭޓު 1.50
- ބޭންޑް 201-300 އަށް މިހާރު އިންނަ ރޭޓް 2.15 - އަލަށް ކަނޑައެޅި ރޭޓަކީ 1.50
- ބޭންޑް 301-400 އަށް މިހާރު އިންނަ ރޭޓް 2.50 - އަލަށް ކަނޑައެޅި ރޭޓަކީ 1.50
- ބޭންޑް 401-500 އަށް މިހާރު އިންނަ ރޭޓް 2.95 - އަލަށް ކަނޑައެޅި ރޭޓަކީ 2.66
- ބޭންޑް 501-600 އަށް މިހާރު އިންނަ ރޭޓް 3.55 - އަލަށް ކަނޑައެޅި ރޭޓަކީ 3.25
- ބޭންޑް 600+ އަށް މިހާރު އިންނަ ރޭޓް 4.25 - އަލަށް ކަނޑައެޅި ރޭޓު 3.83
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް ސަރުކާރުން ވަނީ، ރިޔާސީ ދައުރުގައި މި ފާއިތުވި 2 ރަމަޟާން މަހުވެސް، ޑިސްކައުންޓު ދެއްވައި، ވަކި މިންވަރެއް މައާފުވެސް ކޮށްދެއްވާފައެވެ.