މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެސްއޯއެފް ކުންފުނިން ދައްކަން ޖެހޭ 10.7 މިލިއަން ޑޮލަރު (165 މިލިއަން ރުފިޔާ) ނުދެއްކި ނަމަވެސް އެކަމަށް ފިޔަވަޅެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވުނު އަދި މިހާރު ރާއްޖެއިން ބޭރުގައި އުޅޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ ކުރިން އޮތް އެސްއޯއެފްގެެ މައްޗަށް 2017 ވަނަ އަހަރު އެ ހުކުމް އައީ އެ ކުންފުންޏާއި އެމްއެމްޕީއާރުސީއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.7 މިލިއަން ޑޮލަރު (165 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޯދަން އެމްއެމްޕީއާރުސީން ދައުވާ ކުރުމުންނެވެ.
އެ ހުކުމާ އެއްގޮތަށް ހަ މަސް ދުވަހުގެ ތެރޭ އެސްއޯއެފުން ފައިސާ ދައްކާފައި ނުވާތީ، ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް އެމްއެމްޕީއާރްސީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެސްއޯއެފްގެ ނަމުގައި އެއްވެސް މުދަލެއް ހުރިތޯ އާއި އެ ކުންފުންޏަށް އާމްދަނީ ލިބޭނެ އެއްވެސް ވަސީލަތެއް ހުރިތޯ ބެލި ބެލުމުން އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އެހެންވެ, މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި ވަގުތު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.
ނަމަވެސް އެސްއޯއެފްގެ މާލީ ތަނަވަސްކަމެއް ހުރިކަން އެނގޭނެ މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތަކާ އެކު ކޯޓަށް ހުކުމް ތަންފީޒުކުރުމަށް ހުށަހެޅުމުގެ ހައްގު އަދިވެސް އެމްއެމްޕީއާރްސީއަށް ލިބިގެންވާ ކަމަށް ހުކުމުގައިވެ އެވެ.
އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު އޭގެ ތެރެއިން ބައެއް ފައިސާ އެކި ފަރާތްތަކަށް ބަހާފައިވަނީ އެސްއޯއެފްގެ އެކައުންޓުންނެވެ.
އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ މައްޗަށް ކުށް ސާބިތުވެ, ޖަލު ހުކުމް ވެސް އައިސްފައިވެ އެވެ.