ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގައި ބައިވެރިވުމަށް 600އަށްވުރެ ގިނަ އަދަދެއްގެ ހުށަހެޅުން ލިބިއްޖެއެވެ.

މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި އޮތް "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ" ބިލު ތަސްދީގު ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު ވިދާޅުވީ ކުށުގެ ވެށިން ކުޑަކުދިން ދުރުކުރަން ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު މަސައްކަތަކީ ގައުމީ ހިދުމަތުގެ ޕްރޮގްރާމު ކަމަށެވެ.

އެ ޕްރޮގްރާމުގެ ތެރެއިން ސިފަވަންތަ އަހްލާގު ރަނގަޅު ކުދިންތަކެއް މުޖުތަމައުއަށް ނެރެވިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާން ޑިފެންސް މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހަށް ހަމަވާނެއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް 658 ފަރާތަކުން ހުށަހެޅުން އެ ޕްރޮގްރާމަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ 316 ކުއްޖަކު ބެލެނިވެރިޔާގެ ހުއްދައާއެކު މިޕްރޮގުރާމްގައި ބައިވެރިވާން އެދި ހުށައަޅާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ ހިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މީގެތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު، ގައުމީ ހިދުމަތާއި ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ އިގުރާރު ހުށަހަޅަން ވާނެއެވެ.