ދާދިފަހުން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ތުރުކީވިލާތުން ޕާކިސްތާނާ އެކު އޮތްކަން ހާމަކުރުމާ ގުޅިގެން ތުރުކީގެ އުފެއްދުންތައް އިންޑިއާގައި ފުޅާދާއިރާއެއްގައި ބޮއިކޮޓްކުރަމުން އެބަދެއެވެ.

ހަމަލާ ބަދަލުކުރުންތަކުގައި ތުރުކީވިލާތުން ޕާކިސްތާނަށް ތާޢީދުކުރާކަން ހާމަކުރުމާއެކު އިންޑިއާގެ ފަތުރުވެރިން ތުރުކީވިލާތަށް ދިޔުން ވަރަށް ބޮޑަށް މަދުވެގެން ދިޔައެވެ. އަދި ގިނަ އަދަދެއްގެ ބުކިންތައް ކެންސަލް ވެސް ކުރިއެވެ. ތުރުކީވިލާތާއި އިންޑިއާގެ ފަތުވެރިންގެ މެދުގައި މަޝްހޫރު މަންޒިލެކެވެ. މިދިޔަ ހޯމަ ދުވަހު އޯލް އިންޑިއާ ކޮންޒިއުމަރ ޕްރޮޑަކްޓްސް ޑިސްޓްރިބިއުޓަރސް ފެޑެރޭޝަންއިން ވަނީ ތުރުކީގައި އުފައްދާ ކޮސްމެޓިކްސްއާއި ކާބޯތަކެއްޗާއި އަންނައުނާއި އެހެނިހެން އުފެއްދުންތައް ވެސް ބޮއިކޮޓްކުރުމުގެ ހަރަކާތެއް ފަށާނެކަން އިއުލާންކޮށްފައެވެ.

މި ފެޑެރޭޝަންގައި ހިމެނޭ ސަޕްލަޔަރުން އިންޑިއާގެ އެކިކަންކޮޅުތަކުގައި ހުރި 13 މިލިއަނަށްވުރެ ކުދިކުދި ފިހާރަތަކަށް މުދާ ސަޕްލައިކުރެއެވެ. އޮންލައިން ވިޔަފާރީގައި މަޝްހޫރު ފްލިޕްކާޓުން މިހާރު ތުރުކީވިލާތުގެ ގިނަ އަންނައުނު ބްރޭންޑްތަކުގެ މުދާ ވަނީ ނަގާފައެވެ. ފްލިޕްކާޓުގެ މިންތްރާ ވެބްސައިޓްގައި ހުރި ތުރުކީގެ ބްރޭންޑްތަކެއް ކަމަށްވާ ޓްރެންޑިޔޯލް، އެލް ސީ ވައިކީކީ، އަދި މާވީ ބްރޭންޑްގެ އަންނައުނު މިހާރުވަނީ ވެބްސައިޓުން ނަގާފައެވެ.

އެމެރިކާގެ ވޮލްމާޓް ކުންފުނީގެ ހިއްސާ އޮންނަ ފްލިޕްކާޓުން ބުނީ އެކުންފުނީގެ ވެބްސައިޓުން ތުރުކީވިލާތުގެ އުފެއްދުންތައް ނެގީ ވޮލްމާޓުގެ ބަހެއް އޮވެގެން ނޫންކަމަށާއި، އެއީ ގައުމީ ކަމެއްގެ ގޮތުގައި ކުރި ކަމެއް ކަމަށެވެ. އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ އަޖިއޯ ވެބްސައިޓުންވެސް ޓްރެންޑިޔޯލް، އެލް ސީ ވައިކީކީ އަދި ކޮޓޮން ބްރޭންޑްގެ މުދާތައް މިހާރު ނުލިބެއެވެ. އިންޑިއާގެ ހިމާޗަލްޕްރަދޭޝްގެ ޗީފް މިނިސްޓަރ ސުޚްވިންދަރް ސިންހް ސުކޫ ވިދާޅުވީ ތުރުކީވިލާތުން އިންޑިއާއަށް އާފަލު އެތެރެކުރުން ހުއްޓުވަން މަސައްކަތްކުރައްވާނެކަމަށެވެ. މިދިޔަ އަހަރު އެކަނިވެސް ތުރުކީވިލާތުން އިންޑިއާއަށް 60 މިލިއަން ޑޮލަރުގެ އާފަލު އެތެރެކުރިއެވެ.