ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑް ކުރުމުން, އެ ބޭފުޅުން ދެން އެނބުރި ސުޕްރީމް ކޯޓަށް ވަޑައިނުގަންނަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވި ކަމަށް ފަނޑިޔާރުކަމުން މިއަދު ވަކިކުރެއްވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ބަލަމުންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންގި ކަމަށް ބުނެ ފަނޑިޔާރު އަޒްމިރަލްދާއާއެކު މަހާޒް އަލީ ޒާހިރާއި ހުސްނުއްސުއޫދު ސަސްޕެންޑްކުރި އެވެ. އޭގެ ތެރެއިން ސުއޫދު އިސްތިއުފާ ދެއްވާފައިވާއިރު, އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އަޒްމިރަލްދާ މިއަދު ނެރުއްވި ބަޔާނުގައިވަނީ އެ ތިން ބޭފުޅުން ޖޭއެސްސީ ސަސްޕެންޑުކުރި ކަމުގެ ޚަބަރު ލިބިވަޑައިގަތުމުން ދެން އެ ބޭފުޅުން އެނބުރި ސުޕްރީމް ކޯޓަށް ނާންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވި ކަމަށެވެ.

"އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެފައިވަނީ ދެން އަޅުގަނޑުމެން އެނބުރި ސުޕްރީމް ކޯޓަށް ނާންނާނެ ކަމަށެވެ." އެ ބަޔާނުގައިވެ އެވެ.

އަޒްމިރަލްދާގެ ބަޔާނުގައިވާ ގޮތުން ސަސްޕެންޑް ކުރުމާއެކު, ކަންކަން ހިނގި ގޮތުން އޭނާ މަގާމުން ވަކިކުރާނެކަން އޭރު ވެސް އެނގިވަޑައިގަތް ކަމަށެވެ.

"ސަސްޕެންޑު ކުރެވުނު ފަނޑިޔާރަކާއެކު 'ވަދާއީ' ފޮޓޯއެއް އުއްތަމަ ފަނޑިޔާރު ނެންގެވިތަން ބަލަހައްޓައިގެން އަޅުގަނޑު ދުރުގައި އިންއިރު އޭރުވެސް ވިސްނުނީ މިދާ ގޮތަށް ކަންކަން ދާނަމަ، ކުއްލި ގޮތަކަށް މާދަމާ ސުޕްރީމް ކޯޓުގެ ވަޒީފާއިން އަޅުގަނޑު ވަކިކުރާނެއެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ އޭނާ މަގާމުން ވަކިކުރީ އެއްވެސް އަސްލެއް އަސާސެއް ނެތް ދޮގު ތުހުމަތެއްގައި، ކަނޑައެޅިގެން ގާނޫނު އެއް ފަރާތްކޮށް، ހައްގުތައް ނިގުޅައިގަނެ ސިއްރިއްޔާތުގައި ހިންގި އިޖުރާއަތުތަކަކަށް ފަހު ކަމަށެވެ. އަދި އޭނާ ކުށެއް ނުކުރައްވާކަން އެނގޭއިރު ވެސް އޭނާ ވަކިކުރަން މަޖިލީހުން ފާސްކުރީ ސިޔާސީ ފަރާތްތަކެއްގެ އެންގުންތަކަށް މަޖިލީހުން ތަބާވެގެން ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެންނެވެ." އެ ބަޔާނުގައިވެ އެވެ.

އަޒްމިރަލްދާގެ ތުހުމަތުތަކެއް އުއްތަމަ ފަނޑިޔާރަށް އަމާޒު ކުރެއްވިއިރު, އުއްތަމަ ފަނޑިޔާރު ދާދިފަހުން ވަނީ މަގާމުން ރިޓަޔާ ކުރައްވަން ޖޭއެސްސީއަށް ސިޓީ ހުށަހަޅުއްވައިފަ އެވެ.