ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު އެ މަގާމުން ވަކިކުރަން ނިންމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަ ބަލާފައި ވަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައިވީ ނަމަވެސް މަޖިލީހުގެ ތަޅުމަށް ދެ ފަނޑިޔާރުންގެ މައްސަލަ ފޮނުވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

މިމަހުގެ 11ވަނަ ދުވަހު ސިއްރު ކޮށްގެން ބޭއްވި ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމެޓީން ނިންމީ ޖޭއެސްސީން އެ މައްސަލަ ބަލާފައި ވަނީ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ކަމަށް ވާތީ ދެ ފަނޑިޔާރުން ވަކި ކުރަން ފެންނަ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފިލްޒާ ލަފާ ދެއްވީ ގާނޫނު ބުނާ ގޮތުން އާއްމު ފަރާތަކުން ހުށަހަޅާ ސުލޫކީ މައްސަލައެއް ބެލުމަށް ތިން ފަނޑިޔާރުންގެ ކޮމެޓީއެއް ނަގަން ޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް އެގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ޖޭއެސްސީން ބުނީ އެ މައްސަލަ ބެލީ އަމިއްލަ އިސް ނެގުމުގެ މަތީން ކަމަށެވެ. އެގޮތަށް ބުނާ ސަބަބަކީ ކޮމިޝަނުގެ ރައީސް އަދި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާއަށް ލިބުނު ސިޓީއަކާއި މެދު މަޝްވަރާ ކުރުމަށްފަހު އެ މައްސަލަ ބަލަން ނިންމާފައިވުމުންނެވެ.

ޖޭއެސްސީން އެހެން ބުނި ނަމަވެސް އެ މައްސަލަ އަކީ އަމިއްލަ ފަރާތަކުން ކޮމިޝަނަށް ހުށަހެޅި ސިޓީއަކުން ބަލަން ފެށި މައްސަލައެއް ކަމަށްވާތީ އެ ސިޓީގައިވާ މައްސަލަ ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެނެސް އެކަމަށް ގޮތެއް ނިންމަށް މައްސަލަ ބަލާ ކޮމެޓީއަށް އެސްޖީ ފޮނުވަން ޖެހޭނެ ކަމަށް ޖޭއެސްސީގެ ގާނޫނުގައިވާ ކަމަށް ފިލްޒާގެ ލަފާގައިވެއެވެ.

ފިލްޒާގެ ލަފައާ ގުޅިގެން މިއަދު ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިއެވެ. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ ފިލްޒާގެ ލަފާގައި ހުރި ކަންބޮޑުވުންތައް ދިރާސާ ކުރަން ހުށަހަޅައިފައެވެ. ނަމަވެސް އޭނާގެ ހުށަހެޅުމަށް ތާއީދެއް ނުލިބެއެވެ.

ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވީ ކޮމެޓީން ފާސްކޮށްފައިވާ ގޮތަށް އެ މައްސަލަ ތަޅުމަށް ފޮނުވުމަށެވެ. އެގޮތަށް ފާސްވީ ހަ މެންބަރުންގެ ވޯޓުންނެވެ.

މި ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ވަނީ ކޮމެޓީން މައްސަލަ ދިރާސާކުރާއިރު ޖަވާބުދާރީވުމުގެ ފުރުސަތަކަށް ވެސް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އެ ފުރުސަތު ދޭކަށް ކޮމެޓީން ނުނިންމައެވެ.