ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން އިލްމު ހޯދުންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ، އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަނާއި ދިވެހިރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމްއިން ގުޅިގެން އިމާމުންނާއި އިލްމުވެރިންނަށް ބާއްވާ ކެޕޭސީޓީ އިތުރުކުރުމުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ، އިސްލާމީ ތާރީހުގައި އިލްމުވެރިންނާއި އިމާމުންނަކީ މުޖުތަމައުގެ އެންމެ އިސް ދައުރެއް އަދާ ކުރާ ފަރާތްތައް ކަމަށާއި ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އާއްމު ފަރުދުން ހޭލުންތެރިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ދަނީ އިލްމުވެރިންނާއި އިމާމުން ކަމަށެވެ.
މީގެ އިތުރުން ޓެރެރިޒަމްއާއި ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާއި ގުޅުންހުރި ކަމެއް ނޫންކަމަށާއި މި ފިކުރީ ބަލިމަޑުކަމަށް އޮތް ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން އިލްމު ހޯދުންކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޓެރެރިޒަމްއާއި ހަރުކަށި ފިކުރާއި ގުޅޭ ސައްހަ ތަފްސީލީ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވޭ މި ފޯރަމްއަކީ ވަރަށް މުހިއްމު ފޯރަމެއް ކަމަށާއި އިސްލާމްދީން އަޅުގަނޑުމެންނަށް އަންގަވަނީ މުސްލިމުންނާއި މުސްލިމުން ނޫން މީހުންނާވެސް ހެޔޮކޮށް، ރަޙުމަތްތެރިކަމާއި އިންސާފުވެރިކަމާއެކު މުޢާމަލާތްކުރުމަށްކަމަށެވެ.
"އަޅުގަނޑުމެންނަށް ޖިހާދާއި ޓެރަރިޒަމްއާ ހުރި ތަފާތު އެނގެން ޖެހޭނެ. ޝަރީއަތުގައި ޖިހާދަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވޭ. އަދި އެކަން ވަކިވަކި ފަރުދުންގެ އަތްމައްޗަކަށް ދޫކޮށްފައެއް ނުވެ. އެހެނަސް، އެއީ ދައުލަތާއި ވެރިޔާގެ ޒިންމާއެއް. ޖިހާދުގެ ހިކުމަތަކީ ގައުމާއި އޭގެ ރައްޔިތުން ރައްކާތެރިކުރުން. އިސްލާމްދީނުގައި ޓެރަރިޒަމްގެ ހުރިހާ ވައްތަރެއްވެސް މަނާކުރައްވާފައިވޭ." ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ އިސްލާމީ އުއްމަތް ޓެރެރިޒަމްއާއި ހަރުކަށި ފިކުރު ފަދަ ފިކުރުތަކުން ސަލާމަތް ކުރުމަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ ކުރައްވާ މުހިއްމު މަސައްކަތްޕުޅު ފާހަގަ ކުރައްވާ ސަޢުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްއަށާއި، ޕްރިންސް މުހައްމަދު ބިިން ސަލްމާންއަށް ޝުކުރު އަދާ ކުރައްވާފައެވެ.
އަދި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސް ނަގައިގެން މިފަދަ ފިކުރުތަކާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަމަށާއި، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ގުޅިގެން މިކަމުގައި މުހިއްމު މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް ޝަހީމްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.