ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 14 ގަޑިއިރު ހޭދަ ކުރައްވަވައިފިއެވެ.

މިއީ ރާއްޖޭގެ ރައީސަކު މިހާ ގިނަ ވަގުތު ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޭދަ ކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު 10:00ގައި ފެށި ނޫސްވެރިންގެ ބައްދަލުވުން ނިންމާލީ ދަންވަރު 1 ޖަހަން ކައިރިވެފައި ވަނިކޮށެވެ.

މިއަދު ހެނދުނު އެންމެ ފުރަތަމަ ރައީސް ދެ ގަޑިއިރެއްހާއިރު ހޭދަކުރެއްވީ ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކާއި އެމަނިކުފާނުގެ ވައުދުތަކުގެ ތެރެއިން މިހާތަނަށް ހާސިލް ކުރެވުނު ކަންކަމުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ޕްރެޒެންޓޭޝަނެއް ނޫސްވެރިންނަށް ހިއްސާ ކުރުމުގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެންމެ ފުރަތަމަ މި ބައްދަލުވުމުގައި ރައީސް ވަނީ ނޫސްވެރިންނަށް ޕްރެެންޓޭޝަނެއް ހިއްސާ ކުރައްވާފައި --- ފޮޓޯ | ރައީސް އޮފީސް

މެންދުރު ނަމާދުގެ ބަންގިއަށް އެ ޕްރެޒެންޓޭޝަން ނިންމާލެއްވުމަށްފަހު އަލުން ބައްދަލުވުން ފެއްޓެވީ މެންދުރު 12:20 އާއި 12:25 އާއި ދެމެދުގައެވެ. އެއަށްފަހު ކޮންމެ ނޫސްވެރިއަކަށް ވެސް އެއް ސުވާލު ކުރުމުގެ ފުރުސަތު ރައީސް ދެއްވިއެވެ. އެގޮތުން އެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ ނޫސްވެރިންވެސް ރައީސާ އެއް ސުވާލު އަމާޒު ކުރެއްވިއެވެ.

އަދި އަސްރު ނަމާދުގެ ވަގުތަށް މެދުކަނޑާލައި 15 މިނެޓުގެ ހުސް ވަގުތެއް ނޫސްވެރިންނަށް ދިނުމަށްފަހު އަލުން އަނެއްކާވެސް ބައްދަލުވުން ފެއްޓެވިއެވެ. ދެވަނަ ފަހަރަށް ބައްދަލުވުން ފެއްޓެވިއިރު ވެސް ރައީސް އެ ބައްދަލުވުން ކުރިޔަށް ގެންދެވީ ކޮންމެ ނޫސްވެރިއަކަށް އެއް ސުވާލު ކުރުމަށް ފުރުސަތު ދެއްވައިގެންނެވެ. ނަމަވެސް ބައެއް ނޫސްވެރިން ވަނީ ކުރި ސުވާލާއި ގުޅުންހުރި ސުވާލެއް އޮވެއްޖެ ނަމަ އެ ސުވާލު ވެސް ރައީސަށް ކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ | ރައީސް އޮފީސް

އެގޮތަށް އެ ދަންފަޅި ވެސް މަޣްރިބް ނަމާދުގެ ވަގުތާއި ޖެހެންދެން ކަހަލަ ގޮތަކަށް ކުރިޔަށް ގެންދެވިއެވެ. އަދި މަޣްރިބް ނަމާދަށްފަހު އަނެއްކާވެސް އެ ބައްދަލުވުން ފައްޓަވައިގެން ރައީސް ކުރިޔަށް ގެންގޮސް އިޝާ ނަމާދުގެ ވަގުތަށް މެދުކަނޑާލާ އަލުން ބައްދަލުވުން ފެއްޓެވިއެވެ.

އެއަށްފަހު ނޫސްވެރިން ވެސް ދިޔައީ އެއްފަހަރާ ގިނަ ސުވާލުތަކެއް ރައީސަށް އަމާޒު ކުރަމުންނެވެ. އަދި ރައީސް ދިޔައީ އެ ހުރިހާ ސުވާލުތަކަކަށް ކަހަލަ ގޮތަކަށް ޖަވާބު ދެއްވަމުންނެވެ. އެމަނިކުފާނުގެ އަތްޕުޅުގައި ނެތް މައުލޫމާތެއް ނަމަ ފަހުން ނޫސްވެރިންނަށް އަރުއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ނޫސްވެރިންނާއެކު މިހާ ގިނަ ވަގުތު ހޭދަކުރެއްވިއިރު އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާފައި މިވަނީ 500އަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އެމަނިކުފާނު ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ނޫސްވެރިންގެ ގިނަ ބައްދަލުވުންތައް އެމަނިކުފާނު ބާއްވަވާނެ ކަމަށް ވިދާޅުވެފައެވެ.