ބާރުގެ ބޭނުންކޮށް ޒުވާނުންގެ މުޒާހަރާގައި އިސްކޮށް އުޅުނު ދެ ޒުވާނަކު ހައްޔަރު ކުރުމުން، މުޒާހަރާ ހޫނުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް މިރޭ ގޮވާލައިފިއެވެ.

ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި، ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ހަތް ވަނަ ރޭ ހައްޔަރުކޮށްފައި ވަނީ މ. ހަސްތީ، އައިޝަތު ޝިމަން އަހުމަދު، 19، އާއި ނ. ކުޑަފަރި، އަބްދުﷲ މަހްޒޫމް މާޖިދު، 28، އެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުން ވަދެ، ޕެޕާ ސްޕްރޭ ޖެހުމަށްފަހު، އެ ދެ ޒުވާނުން ހައްޔަރުކޮށްފައި ވަނީ މިރޭ 11:30 އެހާކަންހާއިރުއެވެ.

އެ ދެ ޒުވާނުން ހައްޔަރު ކުރުމުން، ޒުވާނުން ރުޅިގަދަވެ، މާލޭގެ އެކި މަގުތަކުގައި ވެސް ވަނީ މުޒާހަރާކޮށްފައެވެ.

އެގޮތުން މަޖީދީމަގު "ޗެކްމާކް" ފިހާރަ ކައިރީގައި މީޑިއާއަށް ވާހަކަ ދައްކަވަމުން ޒުވާނުންގެ ތެރެއިން ވާހަކަ ދެއްކި ޒުވާނަކު ބުނީ މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ކުރީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން އިސްތިއުފާ ނުދޭން ވެގެން ކަމަށެވެ.

މުޒާހަރާގެ ބައިވެރިންނަށް އެގޮތަށް އަނިޔާކުރުމުން، މުޒާހަރާގައި ދެން ގޮވާނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ކަމަށް އޭނާ އިއުލާންކުރިއެވެ. އަދި މުޒާހަރާގައި ސިޔާސީ ޕާޓީތަކުން ވެސް ބައިވެރިވުމަށް އޭނާ ދައުވަތު ދިނެވެ.

"އަޅުގަނޑު ގޮވާލަން ރާއްޖޭގައި ތިބި ހުރިހާ މަދަނީ ޖަމިއްޔާއަކާއި ދިވެހި ރައްޔިތުންނާއި ގޭގައި ތިބި މިތާ ތިބި ކުދިންގެ މަންމައިންނާއި ބައްޕައިންނާއި ރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ޕާޓީތަކުން [މުޒާހަރާގައި ބައިވެރިވުމަށް]. މިހާ ހިސާބުން ސިޔާސީ މި ވީ،" އޭނާ ބުންޏެވެ.