އދ. ދަނގެތީގައި އަލަށް ގާއިމްކުރަން ނިންމާފައިވާ އިންޖީނުގެ އާއި ކަސްޓަމާ ސާވިސް ބިލްޑިން އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން ސޮއު ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީނެވެ.
އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާއި އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރާއި އަދި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ތިން ސަތޭކަ ތިރީސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 14،870،413 ރުފިޔާއަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވީ، ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށެއް ކަމަށާއި، ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓު ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ރަށެއް ކަމަށެވެ.
އެހެންކަމުން މިއަދު އެރަށަކީ އައު އިންޖީނުގެއެއް ބޭނުންވެފައިވާ ރަށެއް ކަމަށް ފަހުމީ ވިދާޅުވިއެވެ. އެ އެއްބަސްވުމުގެ ދަށުން ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޖީނުގެ ނިންމާ، ބޭނުން ކުރަން ފެށުމާއެކު، ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދެވި، އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި މިއީ ދަނގެތީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް ކަމަށާއި ދަނގެއްޗަކީ ހާއްސަކޮށް ޓުއަރިޒަމްއަށް ފައްކާވަމުން އަންނަ ރަށަކަށްވުމުން، މިވަގުތުވެސް މިހާރުގެ އިންޖީނުގެ އިންތަނުގެ ސަބަބުން، ކައިރީގައި ހުރި ގެތަކަށާއި، ގެސްޓްހައުސްތަކަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވިއެވެ.
މިއަދުގެ މި އެއްބަސްވުމާއި އެއްކޮށް، އެރަށުގެ ރައްޔިތުންނަށް އަލިމަގެއް ފެނިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. ދަނގެތީ ރައްޔިތުންނަށް އެކަންކަން އަވަސްކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށްވެސް އުފާވެރިދުވަހެއް ކަމަށާއި، އެކަމަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ. މިހާރުގެ އިންޖީނުގެ ހުރިތަނުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަކުން އެ ސަރަހައްދުގައި އިމާރާތް ކުރަން ނުފެށިފައި އެބަތިބި ކަމަށާއި، އެކަމުގެ ޝަކުވާބޮޑު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް މިއަދަކީ އެކަމުގެ ހައްލު ލިބިގެންދާ ދުވަސް ކަމަށާއި، މިއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.
އަދި މިއާއެކީގައި ދަނގެތީގެ ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުތަކެއް ހާސިލްވެގެންދާނެ ކަމަށާއި އެކަމަށް ހައްލު ހޯދުމަށްޓަކައި ފަސް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.