ދިވެހި ސިފައިންގެ ކޯސްޓުގާޑު ފްލީޓުގައި ހިމެނޭ އެންމެ ބޮޑު އުޅަނދު "ހުރަވީ"ގައި ކުރަން ޖެހިފައިވާ ހުރިހާ މަރާމާތެއް ނިންމުމަށްފަހު ހަވާލުކޮށްފިއެވެ.
އިންޑިއާ އާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން 2023 ވަނަ އަހަރުގެ މެއި މަހު ހަދިޔާކުރި މި އުޅަނދަކީ ރާއްޖޭގެ ކަނޑުގެ ބޯޑަރު ބެލެހެއްޓުމުގައި ހިމެނޭ އެންމެ ބޮޑު އުޅަނދެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ އުޅަނދު ބެލެހެއްޓުމާއި އާކުރުން ހަމަޖެހިފައިވާ ގޮތަށް އިންޑިއާ އިން ވަނީ އެކަން ކޮށްދީފައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ ރާއްޖޭގެ މާލީ ދަތިތަކުގެ ތެރޭގައި އިންޑިއާއިން ވަނީ އެއްވެސް އަގަކާ ނުލައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅައިފައި ކަމަށެވެ.
"މިއީ، ދެގައުމުގެ މެދުގައި އޮންނަ އިހްތިރާމާއި، އިތުބާރާއި، ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި އަމާންކަމުގެ އެއްބައިވަންތަ ވިސްނުމެއްގެ މައްޗަށް ބިނާކުރެވިފައިވާ، ވަރަށް ބޮޑަށް އުފެދިފައިވާ ގުޅުމުގެ ރަމްޒެކެވެ،" ހައި ކޮމިޝަނުން ބުންޏެވެ.
މި އުޅަނދުގެ ސްޓްރަކްޗަރަލް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު އޭގެ ތެރޭގައި ބޭރުގެ ސުޕަސްޓްރަކްޗާ އާއި ހެބިޓޭބިލިޓީ ފީޗާތަކަށް އިތުރު ބަދަލުތަކެއް ގެނައުމާއި، އުޅަނދުގެ އޮޕަރޭޝަނަލް އިފެކްޓިވިޓީ ރަނގަޅުކޮށްފައިވެއެވެ.
ކޯސްޓުގާޑު ހުރަވީ ރާއްޖެ އައުމާ އެކު ހުޅުމާލޭގައި ރަސްމީ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި އެކުވެރިކަމާއި ސްޓްރެޓެޖިކް ޕާޓްނަޝިޕަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ހައި ކޮމިޝަނުން ފާހަގަކުރެއެވެ.
މި ރަސްމިއްޔާތުގައި އިންޑިޔާގެ ހައިކޮމިޝަނަރާއި، އަސްކަރިއްޔާގެ އިސް ވެރިންނާއި، ދެ ގައުމުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ ކޯސްޓުގާޑު ހުރަވީއަށް ބޭނުންވާ ގިނަ އަދަދެއްގެ ސްޕެއާތަކާއި އިކުއިޕްމަންޓްތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެއީ އުޅަނދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި އޮޕަރޭޝަނަލް ތައްޔާރީތަކަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއް ކަމަށްވެސް ބުނެއެވެ.