މިމަހުގެ 18ވަނަ ދުވަހު މާލޭގެ ގެއަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފައްދަވައިފިއެވެ.
ރައީސް ނެރުއްވި ގަރާރެއްގައި ވިދާޅުވެފައި ވަނީ އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށެވެ.
މި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ:
1. ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ 2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން3. ޑޮކްޓަރ މުޙައްމަދު ޙަބީބު، ސ. ހިތަދޫ، ސީސަންމާގެ
މިކޮމިޝަނުގެ ރައީސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ.
ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނެނީ؛
(ހ) ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛(ށ) ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
(ނ) ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
(ރ) ހައްޔަރު އަމުރާއި، ޖިނާއީ ތަޙުޤީޤުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
(ބ) ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
(ޅ) ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި،އެނޫން ވެސް މަޢުލޫމާތު ހޯދުން.