ގާނޫނުގެ ވެރިކަން ހިންގުމަށް ހަސަބާއި ނަސަބަކަށް އަދި އެ މީހަކު ހުރި ސިޔާސީ ފިކުރަކަށް ނުބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) ދިވެހި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާނެ ކަމަށާއި ނުވެސް ކުރައްވާނެ ކަމަށެވެ.
"އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދި ކަަމަކަށް، ރަހުމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ،" ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ މާލޭގެ ގެއެއްގެ މަތިން ވެއްޓުނު 21 އަހަރުގެ އަންހެން ކުއްޖާގެ މައްސަލާގައި، ބާރުވެރި ފަރާތްތަކެއްގެ އާއިލީ ބަޔަކު ހިމެނޭ ކަމަށާއި އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ ޒުވާނުން ރޭ މަގުމައްޗަށް ނިކުމެފައިވާ ދަނޑިވަޅެއްގައެވެ.
މި ހާދިސާގައި ހިމެނޭ އެކަކުގެ ބޭބެ އަކީ ރައީސް އޮފީހުގެ ސިޔާސީ މަގާމެއްގައި ވެސް ހުރި މީހެކެވެ. ނަމަވެސް މިއަދު އޭނާ ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކޮށްފައެވެ.
މި ހާދިސާގައި ހިމެނޭ ބައެއް ފަރާތްތަކުން މަސްތުގެ ހާލަތުގައި ހުރިއިރު އެ މީހުން މަސްތުވެފައި ވަނީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންވެސް ދިރިއުޅުއްވާ އިމާރާތުގެ އެޕާޓުމަންޓެއްގައި ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި އެކަމުގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ މީހަކު ޝާމިލުވާއިރު އެމީހުން ސަލާމަތް ކުރުމަށް އަމީން ތަހުގީގަށް ނުފޫޒު ފޯރުވާ ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެހެންނަމަވެސް އަމީން ވަނީ ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނަށް ކުރައްވާ ހުރިހާ ތުހުމަތުތަކެއް ދޮގު ކުރައްވައިފައެވެ.